އިންޑިއާއަށް މުހިންމުވީ އިޤްތިޞާދެވެ. އެކަމުގެ ހިތި މިއަދު އެ ދަނީ ފެންނަމުންނެވެ.
އިންޑިއާގެ ހާލަތު އޮތީ ގޯސްކޮށެވެ. ސިއްޙީ ނިޒާމު ފުނޑުނުއިރު، އެތައް ބަޔަކު މަގުމަތި ވެއްޖެއެވެ. އިޤްތިޞާދު ނުފުނޑި އޮތް ކަމުގައިވިޔަސް އާއްމު މީހާ މުޅިން ނިކަމެތި ވެއްޖެއެވެ. މިއާ އެކު އޮތީ ބޮޑު ސުވާލެކެވެ. އިންޑިއާއިން ފުލް ލޮކްޑައުން އަކަށް ގޮސްފާނެ ހެއްޔެވެ؟ ނޫނީ ލޮކްޑައުންއަކަށް ދާ ހާލަތަށް އިންޑިއާ އަދި ނުވެއްޓެނީ ހެއްޔެވެ؟
އިންޑިއާގެ ސަކާާރުން އެޤައުމުގައި ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. ފުލުހުން މަގުތަކަށް ނެރެ، ލޮކްޑައުންއަކަށް ޤައުމު ދިޔައެވެ. ލަޓި ބުރީގައި ނުކުތް ފުލުހުންގެ ލަޓިބުރިތަކުގެ ބާރު މުޅި މީޑިއާއަށް ވެސް ފޯރިއެވެ. އިންޑިއާއިން ނަމޫނާ ނަގަން މުޅި ދުނިޔެ ގޮވަމުން ދިޔައެވެ. އެހެން ނަމަވެސް މިއަދު އިންޑިއާ މިއޮތީ ސަލާން ޖަހަޖަހައެވެ. ސިއްޙީ ނިޒާމާއި އިޤްތިޞާދުވެސް ފުނޑުފުނޑު ވަމުންދަނީ ސަރުކާރުން ނިންމި ދޯހަޅި ގިނަ ސިޔާސަތު ތަކެއްގެ ސަބަބުންނެވެ.
އިންޑިއާގެ ސަރުކާރު މިއަދު މިވަނީ ހޫނު ފެނަށް ވެއްޓިފައެވެ. ކޮވިޑް-19ގެ އެންމެ ނުރައްކާ ދުވަސްވަރު ވެސް ދީނީ ފެސްޓިވަލްތަކަށް ޖާގަ ދިނުމުންނެވެ. ސިޔާސީ އެއްވުންތައް ބާއްވާ ސަރުކާރު ހިންގާ ޕާޓީގެ ބޭފުޅުން މިފަދަ އެއްވުންތައް އިންތިޒާމް ކުރުމުންނެވެ. އިޤްތިޞާދުގެ ބިރަށް ޤައުމުގެ ރައްޔިތުންގެ ފުރާނަ ޤުރުބާން ކުރަން އެވެރިން ތައްޔާރަށް ތިބުމުންނެވެ.
އިންޑިއާގެ ހާލަތަށް މިއަދު ބަލާލާއިރު، އިއްޔެ އާ ހަމައަށް އިންޑިއާގައި 3.45 މިލިޔަން ކޭސް އެކްޓިވްއެވެ. އަދި މިދިޔަ 24 ގަޑިއިރު އެކަނި ވެސް އެ ޤައުމުން 357,229 ކޭސް ފެނިފައި ވާއިރު، އިއްޔެ އެކަނި އެޤައުމުން 3,449 ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައެވެ.
ދުނިޔޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު އިންޑިއާގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 20 މިލިޔަނަށް ވުރެ ގިނައެވެ. ފުރަތަމަ 10 މިލިޔަން މީހުން ކޮވިޑް-19 އަށް ފައްސިވީ 10 މަސް ދުވަހުގެ މުއްދަތަކުން ނަމަވެސް، ދެވަނަ 10 މިލިޔަން މީހުން އެބައްޔަށް ފައްސިވެފައި ވަނީ އެންމެ 4 މަސް ދުވަހުގެ މުއްދަތަކުންނެވެ. މިކަމުން އިންޑިއާގައި ކޮވިޑް-19 ފެތުރޭ މިންވަރު އަވަސްކަން ހާމަވެގެންދެއެވެ.
ހޮސްޕިޓަލުގެ އެނދުތައް ފުރި ގިނަ ބަޔަކަށް ފަރުވާ ނުދެވި ހާލަތުގައި އޮތް އިންޑިއާއިން ކޮވިޑް-19 އަށް ފައްސިވާ އަސްލު އަދަދު ރިކޯޑް ކުރެވޭ މިންވަރާ އަޅައިބަލާއިރު، 10 ގުނަ އިތުރުވެދާނެ ކަމަށް ކަމުގެ މާހިރުން ޤަބޫލު ކުރެއެވެ.
މިއާއެކު ސަރުކާރުން ގިނަ ބަޔަކު ދަނީ ޕްރެޝަރ ކުރަމުންނެވެ. އަދި ރައްޔިތުންގެ ފުރާނައަށްވުރެ އިޤްތިޞާދު މުހިންމުތޯ ގިނަ ބަޔަކު ސަރުކާރާ ދަނީ ސުވާލު ކުރަމުންނެވެ.
އިންޑިއާގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. މިގޮތުން އިންޑިއާގެ ކޮންގްރެސްގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވަނީ މިހާރު އިންޑިއާ ފުލް ލޮކްޑައުންއަކަށް ދާން މާ ލަސްވެއްޖެ ކަމަށާއި އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ މަރުގެ ޒިންމާ ސަރުކާރުން ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އިންޑިއާގެ ބައެއް ސްޓޭޓްތަކުންގެ ސަރުކާރުން އެ ސްޓޭޓްތައް ލޮކްޑައުން ކޮށްފައި ވީ ނަމަވެސް، މުޅި ޤައުމު ލޮކްޑައުންއަކަށް ގެނައުމުގެ ބާރު އޮންނާނީ މަައި ސަރުކާރަށެވެ.