ޚަބަރު

ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވީ އަދަދުތައް މިއަދު ވެސް ރިކޯޑު އަދަދަކަށް މަތި، 1572 މީހުން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ އަދަދުތައް މިއަދު ވެސް ރިކޯޑު އަދަދަކަށް މަތިކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Hajj Corporation

ފައްސިވީ އަދަދުކަމަށް މިއަދު އިއުލާނު ކޮށްފައި ވަނީ 1،572 މީހުންނެވެ. އޭގެ ތެރެއިން އިއްޔެގެ އިރުއޮއްސި 6:00 އިން މިއަދުގެ އިރުއޮއްސި 6:00 އާ ހަމައަށް 844 މީހުން ވަނީ މި ބައްޔަށް ފައްސި ވެފައެވެ.

އެޗްޕީއޭއިންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާލެއިން ފައްސި ވެފައި ވަނީ 1،315 މީހުންނެވެ. އަދި އަތޮޅުތަކުން 242 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި ހިންގަމުން އަންނަ ރިސޯޓުތަކުން 15 މީހަކު މި ބައްޔަށް ފައްސިވެފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 40،092 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 27،123 މީހުންނެވެ. އަދި މިހައިތަނަށް މިބަލީގައި ރާއްޖެއިން 87 މީހުން ނިޔާވެފައިވެއެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 263 މީހުންނެވެ.

ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19 ގެ ހާލަތު ވަނީ ދަށަށް ގޮސްފައެވެ. އަދި ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރެވެ. އެހެންކަމުން އަދަދުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ރައީސް އޮފީހާއި އެޗްޕީއޭ ގުޅިގެން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި މި މަހުގެ 5 އިން 15 ގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް މަސައްކަތްތައް ނިންމުމަށް ބަދަލު ކުރުމާއި، ސްކޫލްތަކުގެ ކިޔެވުން ވެސް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލު ކުރުމުގެ އިތުރުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ރަށްރަށަށް ދަތުރު ކުރެވޭ ގޮތަށް ދިން ލުއި މި މުއްދަތުގެ ތެރޭގައި މެދުކަނޑާލުން އަދި މިސްކިތްތަކުގައި ގައިދުރުކަން ބެހެއްޓުމާއި މާސްކު އަޅައިގެން ނަމާދު ކުރުން ހިމެނެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން މާލެ ސަރަޙައްދުގައި މި މަހުގެ 12 އިން 18 އަށް، ހަވީރު 4:00 އިން ފަތިހު 4:00 އަށް ވަނީ ކާފިއު ގަޑި ވެސް އިއުލާނު ކޮށްފައެވެ. އޭގެ އިތުރުން މި މުއްދަތުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓައިލުމަށް ވެސް އަންގާފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!