ޝްރީލަންކާއަށް ދާ ދިވެހީން ލަންކާ ސަރުކާރުން އަންގާތަނެއްގައި ކަރަންޓީނު ވާން އަންގައިފި
ސްރީލަންކާގައި އަނެއްކާ ވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، މިކަމާ ގުޅިގެން އެ ގައުމުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެ ޤައުމަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުކުރުމުގެ އުޞޫލަށް ބަދަލުތަކެއް ގެނެސްފިއެވެ
އެގޮތުން، 11 މެއި 2021 ވަނަ ދުވަހުން ފެށިގެން 31 މެއި 2021 ގެ ނިޔަލަށް ޝްރީލަންކާއަށް ދަތުރުކުރާ އެންމެހާ ފަރާތްތައް (ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތައް ހިމެނޭހެން)، އެ ޤައުމުގެ ސަރުކާރުން ކަނޑައަޅާ ކަރަންޓީނު ހޮޓަލެއް، ނުވަތަ ކަރަންޓީނު ސެންޓަރެއް، ނުވަތަ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ލެވެލް 1 ގެ ހޮޓަލެއްގައި 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށް ވަނީ އެ ގައުމުގެ ސަރުކާރުން ވަނީ އަންގަވާފައެވެ.
މީގެ އިތުރުން އެ ޤައުމަށް ދަތުރުކުރާ 12 (ބާރަ) އަހަރުން ފެށިގެން މަތީގެ ފަރާތްތައް 14 (ސާދަ) ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށް ފަހު ދޫކުރެވޭނީ، އެ ޤައުމަށް ދަތުރުކުރާ ފުރަތަމަ ދުވަހު ހަދާ "އޮން އެރައިވަލް" PCR ޓެސްޓާއި، ކަރަންޓީނުގެ 11 ވަނަ ދުވަހާއި 14 ވަނަ ދުވަހާ ދެމެދު ހަދާ "އެގްޒިޓް" PCR ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން ކަމުގައި ވެސް ވަނީ އަންގަވާފައެވެ. މިގޮތުން، އެރައިވަލް އަދި ކަރަންޓީނުން ވީއްލާއިރު ހަދާ PCR ޓެސްޓު ހެދުން އިސްތިސްނާވާނީ ދެ އަހަރުން ދަށުގެ ކުދީން އެކަންޏެވެ.
ކަރަންޓީނު ކުރުމުގެ އުޞޫލަށް މިގޮތަށް ބަދަލު ގެނެސްފައިވީ ނަމަވެސް، ކްރިޓިކަލް ފަރުވާއަށް ގޮސް ހޮސްޕިޓަލުގައި ކަރަންޓީނުވާން އެދޭ ފަރާތްތަކުން، ހޮސްޕިޓަލާއި ސްރީލަންކާގެ ހެލްތް މިނިސްޓްރީގެ ޚާއްޞަ ހުއްދައިގެ ދަށުން، ބޭސްފަރުވާއަށް ދަތުރުކުރުމުގެ ފުރުޞަތު ކުރިއެކޭ އެއްގޮތަށް މި މުއްދަތުގައި ވެސް ފަހިވެފައި އޮންނާނެ ކަމަށް އެ ޤައުމުން އަންގަވާފައިވެއެވެ.
މި ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މަޢުލޫމާތު ސާފުކުރެއްވުމަށް ވެސް ކަމާ ބެހޭ އިދާރާތަކުން އެދެއެވެ. ކޮވިޑް-19 އާ ގުޅިގެން ސްރީލަންކާގެ ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކާގުޅޭ މަޢުލޫމާތު މި ލިންކުން ލިބިވަޑައިގަންނަވާނެއެވެ.