ޕާކިސްތާނުގައި ވެސް ބްލެކް ފަންގަސްގެ ބިރު ބޮޑުވެއްޖެ ، މިހައިތަނަށް 4 މީހަކު މަރުވެއްޖެ
ކޮވިޑް ބަލި ޖެހިފައި ތިބޭ މީހުން ނުވަތަ އެ ބަލިން ރަނގަޅު ވެފައިވާ މީހުންނަށް އާންމުކޮށް ޖެހެމުން އަންނަ މިޔޮކޮމީކޮސިސް ނުވަތަ ބްލެކް ފަންގަސް ޕާކިސްތާނުން ވެސް ފެނިއްޖެއެވެ.
އެ ގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިހާތަނަށް އެ ބަލި ޖެހިގެން އެގައުމުން ހަތަރު މީހަކު މަރުވެފައި ވެއެވެ.
"އައިސީޔޫގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ފަސް މީހެއްގެ ކިބައިން ބުލެކް ފަންގަސް ފެނިފައިވޭ ، އޭގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެފައި ، އަދި އެހެން ދެ ފެސިލިޓީއެއްގައި ތިބި ކޮވިޑް ޖެހިފައިވާ މީހުންގެ ކިބައިން ވެސް މި ބަލި ފެނިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވޭ" ކަރާޗީ ހޮސްޕިޓަލެއްގެ ޑޮކްޓަރަކު އެގައުމުގެ މީޑިއާތަކަށް ބުނެފައި ވެއެވެ.
އެ ޑޮކްޓަރު ބުނެފައިވާ ގޮތުގައި މިއީ ހަކުރު ބައްޔާ ގުޅުން ހުރި ބައްޔެކެވެ. އަދި މި ބައްޔަކީ ކޮވިޑް ޖެހުމުން ނުވަތަ އައިސީޔޫގައި ގިނަ ދުވަހު އޮތުމުން ނޫނީ ބޮޑެތި ގިނަ ބަލިތަކެއް ތަހައްމަލް ކުރުމުގެ ސަބަބުން ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ޖެހޭ ބައްޔެކެވެ. ކޮވިޑް ޖެހޭ މީހުންގެ ދިފާއީ ނިޒާމް ދަށްވެ އަދި ގިނަ ބޭސްތަކެއް ބޭނުން ކުރާތީ ބްލެކް ފަންގަސްގެ ފަސޭހަ އަމާޒަކަށް އެފަދަ މީހުންވާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
ބްލެކް ފަންގަސްގެ ގިނަ ކޭސްތަކެއް ޕާކިސްތާނާ އަވަށްޓެރި އިންޑިއާއިން ވަނީ ފެނިފައެވެ. އެ ގައުމުގެ މަހާރަޝްޓްރާއިން ކޮވިޑުން ރަނގަޅުވި 8 މީހަކަށް ބްލެކް ފަންގަސްޖެހި މަރުވެފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ. އަދި ގުޖުރާތުން މި ބަލީގެ 50 ކޭސް ފެނިފައިވާ ކަމަށާއި މި ބަލީގެ ސަބަބުން ބައެއް މީހުންގެ ލޮލުގެ ފެނުން ގެއްލިފައިވާ ކަމަށް އެ ރިޕޯޓްތައް ބުނެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ބްލެކް ފަންގަސް ޖެހޭ މީހުންގެ ފަރާތުން ފެންނަ ޢަލާމާތްތަކުގެ ތެރޭގައި ލޮލުގެ ފެނުން ނުސާފުވުމާއި ނޭފަތުގެ ކުލަ ބަދަލުވުން ، ނުވަތަ ކަޅުވުމާއި މެއަށް ތަދުވުމާއި ނޭވާލާން އުނދަގޫވުމާއި ކެއްސާ ކަރުން ލޭ އައުން ހިމެނެއެވެ. މީގެ އިތުރުން ނޭފަތް ބެދުމާއި ސައިނަސް ތަދާއި ދަތުގައި ރިއްސުންފަދަ ކަންކަން ވެސް ބްލެކް ފަންގަސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ.