އޯޑަރު ދިނީ އަނގަދޮންނަ ފުޅިތަކަކަށް، ލިބުނީ ރެޑްމީ ނޯޓް 10ގެ ފޯނެއް
އޮންލައިންކޮށް ވިޔަފާރި ކުރުމަކީ މިހާރު އާންމު ކަމެކެވެ. ޚާއްސަކޮށް ކޮވިޑް-19ގެ މި ބަލިމަޑުކަމުގެ ސަބަބުން ގޭގައި ތިބުން މަޖުބޫރު ވެފައިވާ މި ހާލަތުގައި ގިނަ ބަޔަކު ދަނީ އާންމު ދިރިއުޅުމުގައި ބޭނުންވާ ޒަރޫރީ ސާމާނުތައް ވެސް އޮންލައިންކޮށް ގަންނަމުންނެވެ.
މިއީ މިދުވަސްވަރު އެންމެ ރައްކާތެރި ގޮތް ކަމުގައިވީ ނަމަވެސް، އޮންލައިންކޮށް ވިޔަފާރި ކުރުމުން ދިމާވާ ބައެއް މައްސަލަތައް ވެސް ހުރެއެވެ. ބައެއް ފަހަރު ތިމާ ބޭނުންވާ ސައިޒްގެ ހެދުން ނުވަތަ އެ ނޫން ވެސް އެއްޗެއް ނުލިބުން ނުވަތަ އޯޑަރުކުރި ކުލައިގެ އެއްޗެއް ނުލިބުންފަދަ ކަންކަން ދިމާވާއިރު، އަނެއްބައި ފަހަރު ތިމާ އޯޑަރު ކުރާ އެތި ނޫން އެއްޗެއް ވެސް ލިބެއެވެ.
އެފަދަ ކަމެއް މުމްބާއީގެ މި މީހާއަށް ވެސް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް އޭނާ އަށް ބަދަލުގައި ލިބުނު އެއްޗާމެދު އޭނާ މާޔޫސެއް ނުވެއެވެ.
ލޮކޭޝް ދާގާ ނަމަކަށް ކިޔާ އެ މީހާ ވަނީ އެމޭޒަންއިން އޭނާ އޯޑަރު ކުރި އެއްޗާއި ބަދަލުގައި ލިބުނު އެތީގެ ފޮޓޯއެއް ޓްވިޓާގައި ހިއްސާ ކޮށްފައެވެ. އޭނާ އޯޑަރު ދީފައި ވަނީ ކޮލްގެޓް ބްރޭންޑުގެ އަނގަދޮންނަ ފުޅިތަކަކަށެވެ. ބިލަށް ޖުމްލަ އަރައިފައި ވަނީ 396 އިންޑިއާ ރުޕީސްއެވެ. ނަމަވެސް އޭނާ ކުރި އޯޑަރުގެ ބަދަލުގައި އެމޭޒަން އިން ލޮކޭޝްއަށް ފޮނުވާފައި ވަނީ ރެޑްމީ ނޯޓް 10 ފޯނެކެވެ.
ލޮކޭޝް އިތުރަށް ބުނީ އަނގަދޮންނަ ފުޅިއަކީ ކޮންސިއުމެބްލް ޕްރޮޑަކްޓަކަށްވާތީ، އޭނާގެ އޯޑަރު އަނބުރާ ރައްދުކުރެވެން ވެސް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. މީގެ އިތުރުން ފޯނުގެ ފޮށި ކެނޑުމުން، އެއީ ޓެލަންގަނާގައި ހުރި މީހަކަށް ފޮނުވާފައިވާ އެއްޗެއްކަން ހާމަވާ އިންވޮއިސްއެއް އެ ފޮށީ ތެރޭގައި އޮތް ކަމަށް ވެސް ލޮކޭޝް ބުނެފައިވެއެވެ.