ޚަބަރު

"އަންހެނުން ކޮންމެފަދަ ދޮގެއް ވެސް ހަދައިފާނެ" ކަމަށް ބުނުމުން ޤާސިމް ހޫނުފެނަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އޭނާގެ ކުރީގެ އަނބިކަނބަލުންނަށް ގެވެށިއަނިޔާ ކުރިކަމަށް ބުނެ ފުލުހުންނަށް ހުށައެޅި މައްސަލައާ ގުޅުވައިގެން، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، މެމްބަރު އީސަ ދިފާއު ކުރައްވާ "އަންހެނަކު ކޮންމެ ފަދަ ދޮގެއް ވެސް ހަދައިފާނެ" ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަށް މަޖިލީހުގެ އެހެން މެމްބަރުން ފާޑުވިދާޅުވެ ގާސިމަށް ވަރުގަދަ ރައްދެއް ދީފިއެވެ.

Ads by Hajj Corporation

މެމްބަރު އީސަގެ ކުރީގެ އަނބިކަނބަލުން އަދި ރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ނަސީމް، އަށް ގެވެށި އަނިޔާ ކުރިކަމުގެ މައްސަލައިގައި މެމްބަރު އީސަ ދިފާއު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް ގާސިމް ކުރެއްވި މެސެޖާއެކު ގިނަ މެމްބަރުން ވަނީ ގާސިމަށް ފާޑު ވިދާޅުވެ ރައްދު ދެއްވާފައެވެ.

މިގޮތުން، މަޖިލީހުގެ ނައިބް ރައީސާ އީވާ އަބްދުﷲ ވަނީ "ޝޭމްފުލް" ނުވަތަ "ލަދުވެތި" ކަމަށް ވިދާޅުވެ އެމެސެޖަށް ރިޕްލައިކޮށްފައެވެ. އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ދިގު މެސެޖަކާއެކު ގާސިމަށް ރައްދުދީ އުޝާމް ވިދާޅުވީ ގާސިމްއާ ދިމާވެފައިވާ ބައެއް އަންހެނުން ތިގޮތަށް ކަންތައް ކޮށްފައި ހުރީ ކަމަށް ވެދާނެކަމަށާއި ހުރިހާ އަންހެނުން އެއީ ކޮންމެ ފަދަ ކަމަކަށް ވެސް ދޮގު ހަދާފާނެ ބައެއް ކަމަށް ދެއްކުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އަދ އަންހެނުންނަކީ ފިރިހެނުންނަށް ވުރެ ދަށު ދަރަޖައިގެ ބައެއް ކަމަށް ދެކޭ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށްވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއާއި، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އާއި، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ފަލާހުގެ އިތުރުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްވެސް ވަނީ ގާސިމަށް ރައްދުދީ ބަހުގެ ހަމަލާތަކެއް ދީފައެވެ.

މެމްބަރު ޔައުގޫބް ވިދާޅުވި ގޮތުގައި ގާސިމްގެ މެސެޖަކީ އިސްއުފުލާލަން ނުކެރޭވަރު ވާހަކައެކެވެ. އަދި މެމްބަރު ރޮޒައިނާ ވިދާޅުވިގޮތުގައި ރައްޔިތުންގެ މަންދޫބުންގެ ފަރާތުން މިފަދަ ވާހަކަތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަންހެނުންގެ ދަރަޖަ ދަށް ކޮށްލެވޭ ގޮތަށް ސިފަ ކުރެވޭހެން ގާސިމް ދެއްކެވި ވާހަކައާއެކު މެމްބަރުންގެ އިތުރުން ގިނަ ރައްޔިތުންތަކެއް ދަނީ ގާސިމަށް ފާޑުކިޔައި ރައްދުދެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!