ދެކައިވެނީގައި އެއްމައްސަލަ ތަކެއް ޖެހެންޏާ ޝްވެތާ ވިސްނަންޖެހޭ - ކުރީގެ ފިރިމީހާ

ކަސައުޓީ ޒިންދަގީކޭއިން މަޝްހޫރުކަން ހޯދި ޝްވެތާ ތިވާރީއާއި އޭނާގެ ފިރިމީހާ އަބިނާވް ކޯލީއާ ދެމެދު މައްސަލަތައް ޖެހި ދެ މީހުން ވަކިން އުޅެމުންދާތާ މިހާރު ވަނީ ދުވަސްގަނޑެއްވެފައެވެ.
މައްސަލަތައް ހޫނުވެފައި ވަނީ ޝްވެތާއާއި އަބިނާވްގެ ދަރިފުޅު ރެޔާން، އިންޑިޔާގައި ބަހައްޓާފައި، މަޝްހޫރު ރިއަލިޓީ ޝޯ "ޚަތުރޯކީ ކިލާޅީ" ޝޫޓް ކުރަން ޤައުމުން ބޭރަށް ދިޔަ ހިސާބުންނެވެ. އަބިނާވް ސިފަކުރި ގޮތުގައި ޝްވެތާ ދިޔައީ ދަރިފުޅު އެއްލައިލާފައެވެ. އަދި އަބިނާވްއަށް އޭނާގެ ދަރިފުޅާ ބައްދަލުކުރުމުގެ ފުރުސަތެއް ވެސް ނުދެއެވެ.
މިކަމާ ބެހޭ ގޮތުން ޝްވެތާގެ ކުރީގެ ފިރިމީހާ އަދި ދޮށީދަރިފުޅު ޕަލަކްގެ ބައްޕަ ރާޖާ ޗައުދަރީ ވަނީ ވާހަކަ ދައްކައިފައެވެ.
ރާޖާ ބުނިގޮތުގައި ޝްވެތާގެ ދެވަނަ ކައިވެނި ވެސް ސަލާމަތް ނުވުމަކީ ދެރަ ކަމެކެވެ. އަދި އޭނާ ބުނީ ޝްވެތާއަކީ ރަނގަޅު މައެއް ކަމަށާއި އެހެން ނަމަވެސް ދެ ކައިވެނި ކުރުމުން ވެސް އެއް މައްސަލަތަކެއް ޖެހުމަކީ އެކަމާ މެދު ޝްވެތާ ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.
"ޝްވެތާ އާއި އަބިނާވް އާދެމެދު ހިނގާ ކަންކަމާ ބަސް ކިޔުމުގެ ހައްގެއް އަހަންނަކަށް ނެތް. މީހެއްގެ އިމޭޖް ބިލްޑް ކުރުމެއް ނޫން އަހަރެންގެ މަގްސަދަކީ. އެކަމަކު ދެކައިވެނީގައި ވެސް އެއް މައްސަލަތަކެއް ޖެހެންޏާ އަސްލު މައްސަލަ ޖެހެނީ ޝްވެތާގެ ސަބަބުންކަން އެނގޭ. އޭނާގެ އުޅުން ހުންނަ ގޮތުންކަން އެނގޭ. އެކަމަކު އަހަރެން ބޭނުން ދަރިފުޅަށް ޓަކައި ދެމީހުން އެކީ އުޅޭން" އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރާޖާ ބުންޏެވެ.
ޕްރޭނާގެ ނަމުން ދިވެހިން ދަންނަ ޝްވެތާގެ ކުރީގެ ކައިވެނި ވެސް ރޫޅާލީ ފިރިމީހާގެ ފަރާތުން ގެވެށި އަނިޔާ ލިބޭތީއެވެ. އަދި މިހާރުގެ ކައިވެނީގައި މައްސަލަ ޖެހި ވަކިން އުޅެނީ ވެސް އަބިނާވްގެ ފަރާތުން ގެވެށި އަނިޔާ ލިބޭތީ ކަމަށް ޝްވެތާ ވަނީ ބުނެފައެވެ.