ޚަބަރު

އިސްރާއީލަށް ތާއީދުކުރި ޅައިމަގުގެ އިންޑިއާ ޓީޗަރަކު އެ ރަށުން ބާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިސްރާއީލަށް ތާއީދުކުރި ށ. ޅައިމަގުގެ އިންޑިއާ ފިރިހެން ޓީޗަރަކު އެ ރަށުން ބާލައިފިއެވެ.

Ads by MWSC

އެނގިފައިވާ ގޮތުގައި އޭނާ އިސްރާއީލަށް ސަޕޯޓުކުރާކަން ހާމަކޮށްފައި ވަނީ މީސްމީޑިއާގައެވެ. އޭނާ ރަށުން ބާލައިފައި ވަނީ، އެ ރަށުގެ ބައެއް ރައްޔިތުން އެ ޓީޗަރާ ދެކޮޅަށް މުޒާހަރާ ކުރުމުން ފުލުހުންގެ އެހީގައެވެ.

އެ ޓީޗަރު އިސްރާއީލަށް ތާއީދު ކުރާކަން މީސްމީޑިއާގައި ހާމަ ކޮށްފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ނަމަވެސް ސްކޫލުގެ ސަމާލުކަމަށް އެކަން އައިސްފައި ވަނީ އިއްޔެއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން އެ މައްސަލަ މިހާރު ބަލައި ނިމެންދެން، ޓީޗަރު ހުރީ ސަސްޕެންޑްކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

އެ ރަށުގެ ޒުވާނުންގެ ތެރެއިން ބަޔަކު ރޭ ވަނީ އޭނާ ރަށުން ބޭރު ކުރުމަށް ޓީޗަރުގެ ގޭދޮށުގައި މުޒާހަރާ ވެސް ކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޅައިމަގު ސްކޫލުގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރަކާ މެދު އެ ރަށު ރައްޔިތުން ހިތްހަމަ ނުޖެހުން ފާޅުކޮށް އެ ރަށުން ބޭލުމަށް ގޮވައިލުމާ ގުޅިގެން، އެ ޓީޗަރުގެ ރައްކާތެރިކަމަށް ޓަކައި ފުލުހުންގެ ބެލުމުގެ ދަށުން ރޭ އެ ޓީޗަރު ޅައިމަގުން ބާލައިފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!