ދުނިޔެ

ބްލެކް ފަންގަސް: އިންޑިއާގެ 8،800އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ބްލެކް ފަންގަސް ޖެހި ލޯ ނަގައިފައިވާ ޚްރުޝިދާ ބާނޫ ،

ނުރައްކާތެރި ބައްޔެއް ކަމުގައިވާ މިއުކޯމައިކޯސިސް ނުވަތަ "ބްލެކް ފަންގަސް" އަވައްޓެރި އިންޑިއާގެ 8،800 އަށްވުރެ ގިނަ މީހުންނަށް މިހާރު ޖެހިއްޖެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

Ads by Sosun Fihaara

މި ނުރައްކާތެރި ބަލީގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ދަށްކޮށްލާ، ލޮލުގެ ފެނުމަށް ވެސް އަސަރު ކުރެއެވެ. ނަތީޖާއެއްގެ ގޮތުން މި ފަންގަހުގެ އަސަރު ކޮށްފައި ހުންނަ ލޯ ބައެއް ފަހަރު ނަގަން ޖެހެއެވެ.

ފާއިތުވީ ދުވަސްތަކުގައި އިންޑިއާގައި ހަލުވިކަމާ އެކު މި ބަލި ފެތުރެމުން ދާއިރު، ބޮޑަށް މި ބަލި ޖެހިފައި ވަނީ ކޮވިޑް-19 އިން ރަނގަޅުވެފައިވާ ނުވަތަ ރަނގަޅު ވަމުން އަންނަ ފަރާތްތަކަށް ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އިންޑިއާގެ ބައެއް ޑޮކްޓަރުން ބުނެފައި ވަނީ ބްލެކް ފަންގަސް އުފެދުމާ، ކޮވިޑަށް ފަރުވާ ހޯދަން ކާ ބޭހާއި ކޮންމެވެސް ވަރަކަށް ގުޅުން އޮންނަ ކަމަށެވެ. އަދި ހަކުރު ބައްޔަށް ބޭސްކުރާ މީހުންނަށް މި ބަލީގައި ވާ ވަރު ބޮޑު ކަމަށް ވެސް ބުނެފައިވެއެވެ.

ބީބީސީއަށް މައުލޫމާތު ދެމުން އެ ޑޮކްޓަރުން ބުނީ އާންމު ގޮތެއްގައި ބްލެކް ފަންގަސް ޖެހިފައިވަނީ ކޮވިޑް-19 އިން ފަސޭހަވާތާ 12-18 ދުވަސް ތެރޭގައި ކަމަށެވެ.

އިންޑިއާގައި 8،800 އަށްވުރެ ގިނަ މީހުންނަށް މިހާރު ބްލެކް ފަންގަސް ޖެހިފައިވާ އިރު، އޭގެތެރެއިން ގިނައީ ގުޖްރާތަށް ނިސްބަތްވާ މީހުންނެވެ.

ބްލެކް ފަންގަސް ޖެހޭ މީހުންގެ ތެރޭގައި، އައިސީޔޫގައި ގިނަ ދުވަހު އޮތުމުން ނުވަތަ އެއްބައްޔަށް ވުރެ ގިނަ ބަލިތައް ޖެހުމުން ، އަދި ގިނައިން ބޭސް ކެއުމުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން ވެސް ހިމެނެއެވެ.

ބްލެކް ފަންގަސް ޖެހޭ މީހުންގެ ފަރާތުން ފެންނަ ޢަލާމާތްތަކުގެ ތެރޭގައި ލޮލުގެ ފެނުން ނުސާފުވުމާއި ނޭފަތުގެ ކުލަ ބަދަލުވުން ، ނުވަތަ ކަޅުވުމާއި މެއަށް ތަދުވުމާއި ނޭވާލާން އުނދަގޫވުމާއި ކެއްސާ ކަރުން ލޭ އައުން ހިމެނެއެވެ.

މީގެ އިތުރުން ނޭފަތް ބެދުމާއި ސައިނަސް ތަދާއި ދަތުގައި ރިއްސުންފަދަ ކަންކަން ވެސް ބްލެކް ފަންގަސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ. އިންޑިއާއިން ބުލެކް ފަންގަސް ޖެހުނު މީހުންގެ ތެރެއިން ބައެއް މީހުންގެ ލޯ އިންފެކްޓްވެ ، ލޮލުގެ ފެނުން ގެއްލިފައި ވެއެވެ.

މި ބަލި އިންޑިއާގެ އެކި ސްޓޭޓްތަކުން ދަނީ ފެންނަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!