ރީނީ: އިންޓަރނޭޝަނަލް ބޭކާރސް ކޮމިޔުނިޓީގެ ރާއްޖޭގެ ރާނީ!
އަޅުގަނޑުމެންނަށް ގިނައިން ފެންނަ ކޭކުތައް ހުންނަނީ ވަށްކޮށް ނުވަތަ ހަތަރެސް ކަނަށެވެ. 3D ކޭކުތަކަކީ އަޅުގަނޑުމެންނަށް މަދުން ނޫނީ ނުފެންނަ ޒާތުގެ ކޭކުތަކެކެވެ. ފަހާފޮއްޓެއްގެ ސިފައިގައި ނުވަތަ އިންސާނެއްގެ ސިފައިގައި ކޭކެއް އަހަރެމެންނަށް ފެންނާނީ ވަރަށް ވެސް މަދުންނެވެ. ގިނަ ފަހަރު އެ ވެސް އިންޓަނެޓުންނެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއިން އެފަދަ ކޭކުތައް ފެންނަނީ ވަރަށް މަދުންނެވެ.
ނަމަވެސް އެ ފަދަ ކޭކްތައް ވެސް ފަސޭހަކަމާ އެކު އަޅައިލާ ހުނަރުވެރީން މި ގައުމުގައި ވެސް އެބަ ތިއްބެވެ. މިއީ ވެސް އެފަދަ ހުނަރުވެރިއެއްގެ ވާހަކައެވެ. ތަފާތު އެކި ގޮތްގޮތަށް ކޭކު އަޅާ ހުނަރުވެރި ފަންނުވެރިއެއްގެ ވާހަކައެވެ،
ފުރަތަމަ ކޭކެއް އެޅީ ދަރިފުޅުގެ އުފަން ދުވަހަށް
ކޭކު އެޅުމަކީ އޭނާ އެއްވެސް ވަރަކަށް ކުރާ ހިތްވާ ކަމެއް ނޫން ކަމަށް ފާތިމަތު ރީނީ ކިޔައިދިނެވެ. އަދި އޭނާއަކީ މީގެ ކުރިން ކޭކު އަޅާ ތަކެތި ގެންގުޅުނު މީހެއް ވެސް ނޫނެވެ. ކޭކު އެޅުމާ ބެހޭ އެއްވެސް ކަމެއް ކުރިއަކުން އޭނާއަކަށް ނޭނގެއެވެ. އޭނާއަކީ ކޭކު އެޅުމުގެ ފަންނުގައި ރާއްޖޭގައި އެންމެ ހިނގާ ނަމަކަށް ވެދާނެ ކަމަށް ދުވަހަކު ހިތަކަށް ވެސް ނާރައެވެ.
ރީނީ މީގެ ކުރިން މަސައްކަތް ކުރީ ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ފޯރު ކޮށްދޭ ދެ ކުންފުނި ކަމަށްވާ ދިރާގު އަދި ވަތަނިއްޔާ (މިހާރު އުރީދޫ)ގެ ކޯލް ސެންޓަރުގައެވެ. އެހެން ނަމަވެސް އޭނާ ވަޒީފާ ދޫކޮށްލީ އަލަތު ދަރިފުޅަށް ބަލިވެ އިނުމުންނެވެ.
ވަތަނިއްޔާގެ ކޯލް ސެންޓަރުގެ އިންޗާޖު ކަމުގެ މަގާމުން ވަކިވުމަށް ފަހު ރީނީ ވަޒީފާއަކަށް ނުދެއެވެ. ދެ ދަރީން ލިބުމުން ގޭގައި ހުރެ ފައިސާ ލިބޭނެ ފަދަ ކޮންމެވެސް މަސައްކަތެއް ކުރަން އޭނާ ވިސްނިއެވެ.
އޭނާ އެންމެ ފުރަތަމަ ކޭކެެއް އެޅީ އޭނާގެ ދަރިފުޅުގެ އުފަން ދުވަހަށެވެ. އެންމެ ފުރަތަމަ އެއްވެސް ތަޖުރިބާއެއް ނެތި އެޅި ކޭކާ މެދު އޭނާ ހިތްހަމަ ޖެހުނެވެ. އަދި އޭނާގެ އާއިލާއަށާއި ރައްޓެހިންނަށް ވެސް އޭނާގެ އެ މަސައްކަތް އެހާމެ ކަމުދިޔައެވެ.
އެކަށީގެންވާ މާކެޓެއް ނުލިބުން، ބޮޑު ގޮންޖެހުމެއް
ކޮންމެ މަސައްކަތެއް ވެސް ފަށައިގަންނައިރު އަދި ފަށައިގެން ކުރިއަށް ދާ އިރުގައި ވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވާނެކަން ޔަގީނެވެ. ރީނީގެ ކޭކުތައް ކިތަންމެހާ ވެސް ޗާލެވެ. އެހާ މީރު ވެސް މެއެވެ. އެހެން ނަމަވެސް ރަނގަޅު މާކެޓެއް ހޯދުން ރީނީއަށް ވެސް ވީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. އަދި ކޭކު އެޅުމަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެއިން ނުލިބުމަކީ އޭނާއަށް އެކަން ކުރުމުގައި ދިމާވި ދަތިކަމެކެވެ.
"ހުސް ފޮނި" އުފެދުން
ކޭކު އެޅުމުގެ މަސައްކަތް ފަށައިގެން މާ ގިނަ ދުވަސްތަކެއް ނުވެ އޭނާގެ މަސައްކަތް ގިނަ ބަޔަކަށް ކަމުދިޔައެވެ. އަދި އޭނާއަށް ހިތްވަރު ދިނުމުގައި އަބަދުވެސް އޭނާގެ ފިރިމީހާ އާއި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ހުރެއެވެ.
އެ ދެމީހުންގެ ހިތްވަރާއި އެހީތެރިކަމާއެކު ރީނީ އޭނާގެ އަމިއްލަ ޕޭޖެއް ހުޅުވިއެވެ. "ހުސް ފޮނި"ގެ ނަމުގައި އެ ޕޭޖު ވަނީ މިހާރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައެވެ. އެހެން ނަމަވެސް އަދިވެސް އުނދަގޫ ކަމަކީ އެކަށީގެންވާ މާކެޓެއް ހޯދުމެވެ. ގިނަ ބަޔަކަށް އަމިއްލަ މަސައްކަތް ދައްކައިލުމުގައި ގިނަ ގޮންޖެހުންތަކަކާ އޭނާއަށް ކުރިމަތިލާން ޖެހެއެވެ.
އަޅަނީ ހަމައެކަނި ހަތަރެސްކަން ކޭކެއް ނޫން
އަމިއްލައަށް ކޭކު އެޅުމުގެ މަސައްކަތް ދަސްކުރި ރީނީ އަޅާ ކޭކުތައް އާންމުކޮށް މި ފެންނަ ކޭކުތަކާ ވަރަށް ތަފާތެވެ. އޭނާ އަޅަނީ ހަމައެކަނި ހަތަރެސްކަން ކޭކެއް ނޫނެވެ. އަދި ހަމައެކަނި ވަށް ކޭކެއް ވެސް ނޫނެވެ. އެކި ޑިޒައިންތަކުގެ އެކި ބައްޓަންތަކުގެ ކޭކު އޭނާ އަޅައެވެ. ކޮންމެ އެއްޗެއް ވެސް ފޮނި މީރު ކޭކެއްގެ ކައިލުމުގެ ފުރުސަތު އޭނާ ހޯދައިދީފާނެއެވެ. އެއީ އޭނާގެ ތަފާތު ހުނަރެކެވެ.
އޭނާ ވަނީ އެކި ބައްޓަންތަަކަށް އެކި ޑިޒައިންތަކުގެ ކޭކު އަޅައިފައެވެ. އެގޮތުން އޭނާގެ ޕޭޖު ބަލާލުމުން އެކި ކަހަލަ ތަފާތު ކޭކުތައް ފެންނާނެއެވެ. އެންމެ ފުރަތަމަ ބަލާލުމުން އެއީ ކޭކެއްކަން ވެސް ގަބޫލު ނުކުރެވިދާނެއެވެ. ސައިކަލެއްގެ ބައްޓަމަށް ހުރި ކޭކާއި އަދި ރަށެއްގެ ބައްޓަމަށް ހުރި ކޭކާއި ކަނޑުއަޑީގެ މަންޒަރުތައް ދައްކުވައިދޭ ކޭކުތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ.
އާމްދަނީ ހޯދަން އެކަނި ކުރާކަމެއް ނޫން
ކޭކު އެޅުމަކީ އޭނާ ހަމައެކަނި އާމްދަނީއެއް ހޯދުމުގެ ގޮތުން ކުރާ މަސައްކަތެއް ނޫނެވެ. ލިބޭ އާމްދަނީއަށް ވުރެ ބޮޑަށް މި މަސައްކަތް ކުރުމުން އޭނާއަށް ލިބޭ ހިތްހަމަޖެހުން މާ ބޮޑެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި މިއީ އަމިއްލަ ނަފްސާ ކުރެވޭ ޗެލެންޖެކެވެ. އެހެންކަމުން ކޭކު އެޅުމަކީ މިހާރު އޭނާ ވަރަށް ހިތްހަމަޖެހޭ ކަމެކެވެ.
މީގެ އިތުރުން ރީނީ ފާހަގަ ކުރީ ރަނގަޅު މާކެޓެއް އޮންނަ ނަމަ އެ މަސައްކަތުން ދިރިއުޅުމުގެ ޚަރަދުތަކަށް ވެސް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
ކޭކު އެޅުމުގެ ދާއިރާއިން އެންމެ އުފާވި ދުވަސް
ރީނީ މިދާއިރާގައި އެންމެ އުފާވީ އިންޓަރނޭޝަނަލް ބޭކާސް ކޮމިއުނިޓީ ގްރޫޕްގެ ކަވަރ ފޮޓޯއަށް ދެ ފަހަރެއްގެ މަތިން އޭނާގެ ކޭކުތަކުގެ ފޮޓޯ އެރުމުންނެވެ. އެ ގުރޫޕުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 80 ހާހަށް ވުރެ ގިނަ "ބޭކާރސް" ތިބެއެވެ.
އޭނާގެ ކޭކުތަކަށް އެ ގުރޫޕުގައި ތިބޭ މީހުން ކުރާ ކޮމެންޓުތަކުން އޭނާ ވަރަށް އުފާވާ ކަމުގައި ރީނީ ބުންޏެވެ. އަދި އެކި ގައުމުތަކުގެ މަޝްހޫރު ކޭކު އަޅާ މީހުން އޭނާ ކޭކު އަޅާފައި ހުންނަ ގޮތް އޮޅުންފިލުވާ ކަަމަށް ވެސް ރީނީ ކިޔައިދިނެވެ.
ކޭކު އެޅުމުގެ ދާއިރާގައި ރާއްޖޭގެ ނަން ފަވާލުމުގެ އުއްމީދުގައި
އަަޅުގަނޑުމެންގެ ރާއްޖެއަކީ އާބާދީ ކުޑަ ގައުމެއް ކަމުގައި ވިޔަސް އެތައް ހުނަރުވެރިންތަކެއް އުޅޭ ޖަޒީރާތަކެކެވެ. އެހެންކަމުން ސައިޒުން ކުޑަ ނަމަވެސް ރާއްޖޭގެ ނަމަކީ ކުޑަ ނަމެއް ނޫނެވެ.
ރީނީ އެހުރީ ގައުމަށް ރީތި ނަން ހޯދައިދިނުމުގެ އުއްމީދުގައެވެ. ކޭކު އެޅުމުގެ ދާއިރާއިން ރާއްޖޭގެ ނަން ރަން އަކުރުން ފަވާލުމަކީ އޭނާގެ ހުވަފެނެވެ. މިދާއިރާގައި ހުނަރުވެރި ބަޔަކު ރާއްޖޭގައި ވެސް އެބަތިބިކަން ދުނިޔެއަށް ދައްކާލުމަކީ އޭނާގެ އުއްމީދެވެ.