ޚަބަރު

މޮނިޓަރިންގެ ހާލަތަށް ގެންދާ ހުރިހާ ރަށެއްގައި ކާފިއު ހިންގަން ނިންމައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް19އިން ރައްކައުތެރިވުމަށް މޮނިޓަރިންގެ ހާލަތަށް ގެންދާ ރަށްރަށުގައި މާދަމާއިން ފެށިގެން ކާފިއު ހިންގައި އިތުރު ފިޔަވަޅުތައް އަޅަން ނިންމައިފިއެވެ.

Ads by Sosun Fihaara

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު އެންގުމުގައި ބުނެފައި ވަނީ މާދަމައިން ފެށިގެން ވަކި ގޮތެއް އަންގަންދެން، މޮނިޓަރިންގެ ހާލަތަށް ގެންދެވޭ ރަށްރަށުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އަންގާ ކަމަށެވެ.

އެގޮތުން މޮނިޓަރިންއަށް ގެންދާ ރަށްރަށުގައި ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާ ވާނެއެވެ. ނަމަވެސް ރަށުގައި ބަލިފެތުރުމުގެ ހާލަތަށް ބަލައި އެ ފިޔަވަޅު އަޅާ ވަގުތަށް ބަދަލު ގެނެވޭނެކަމަށް އެންގުމުގައި ވެއެވެ. ހަމައެއާ އެކު، ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުކުތުން މަނާކޮށް، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލަން ވެސް ވަނީ އަންގައިފައެވެ.

މީގެ އިތުރުން މާދަމައިން ފެށިގެން، މޮނިޓަރިންގ ހާލަތުގައިވާ ރަށްތަކުގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން މަނާ ވާނެއެވެ. އަދި ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކޮށް، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލަން ވެސް ވަނީ އަންގައިފައެވެ. އަދި ފިހާރަތަކުން ހިދުމަތް ދޭއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓައިލަން ވަނީ އަންގައިފައެވެ.

އޭގެ އިތުރަށް، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތްތައް ފިޔަވައި އެހެން ހިދުމަތްތައް ހުއްޓައިލުމަށް ވެސް ވަނީ އަންގައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!