ޚަބަރު

ޒާތީ މައުލޫމާތު އާއްމު ކުރެވުމުން މިނިސްޓަރު ފައްޔާޒް މާފަށް އެދިވަޑައިގަންނަވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް 19ގައި މާލީ ހާލަތު ދަށްވި މީހުންނަށް ސަރުކާރުން ދޭ އިންކަމް ސަޕޯޓް އެލަވަންސް ލިބުނު މީހުންގެ މައުލޫމާތު ލިސްޓު އާންމުކުރެވުމުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މައާފަށް އެދިވަޑައިގެންފިއެވެ.

Ads by STELCO

އިންކަމް ސަޕޯޓާ ބެހޭ ގޮތުން ޓްވިޓާގައި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ފައްޔާޒު ވަނީ އިންކަމް ސަޕޯޓް ލިބުނު މީހުންގެ ޒާތީ މައުލޫމާތު ހިމެނޭ ލިސްޓެއް ވެސް ޓްވީޓް ކުރައްވާފައެވެ. މި ލިސްޓުގައި ހިމެނެނީ މީހާގެ ފުރިހަމަ ނަމާއި އެޑްރެސްގެ އިތުރުން ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ތަނުގެ މައުލޫމާތާއި، ލިބޭ ނުވަތަ ލިބުނު މުސާރައިގެ ތަފްސީލު އަދި އައިޑީކާޑު ނަންބަރެވެ.

މީހުންގެ މިފަދަ މައުލޫމާތުތަކެއް އާންމު ކުރެއްވުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔައިފައެވެ. އެކަމާ ގުޅިގެން މިނިސްޓަރ ވަނީ އެއީ މިސްޓޭކެއް ކަމަށް ވިދާޅުވެ މާފަށް އެދިވަޑައިގަންނަވާފައެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން 22،858 މީހަކަށް ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދީފައެވެ. އެކަމަށް 419 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!