ދުނިޔެ

95 އިންސައްތަ ވޯޓުން ސީރިއާގެ ރައީސް ކަަމަށް އަނެއްކާ ވެސް ބައްޝާރުލް އަސަދު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ސީރިއާގައި އިއްޔެ ކުރިޔަށް ދިޔަ ރިޔާސީ އިންތިޚާބުގައި އެޤައުމުގެ މިހާރުގެ ރައީސް ބައްޝާރުލް އަސަދު އަނެއްކާ ވެސް ކުރި ހޯއްދަވައިފިއެވެ.

Ads by Sosun Fihaara

ބައްޝާރުލްއަސަދު ވަނީ އިންތިޚާބުގައި ވޯޓް ލި މީހުންގެ ތެރެއިން 95.1 އިންސައްތަ ވޯޓް ކާމިޔާބު ކުރައްވައިފައެވެ. އެޤައުމުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 78.6 މީހުން ވޯޓް ލާފައިވާ ކަމަށް އެޤައުމުގެ ޤާނޫން ހަދާ މަޖިލީހުން ހާމަ ކުރެއެވެ.

ސީރިއާގެ ރިޔާސީ އިންތިޚާބުގައި ބައްޝާރުގެ އިތުރުން ދެ ކެނޑިޑޭޓުން ވާދަ ކުރިއެވެ. އެއީ އަބްދުﷲ ސަލޫމް އަބްދުﷲ އާއި މަޙްމޫދް އަހްމަދު މަރީއެވެ. މި ދެބޭފުޅުންނަށް ލިބިވަޑައިގަތީ ވޯޓް ލީ މީހުންގެ 1.5 އިންސައްތަ އަދި 3.3 އިންސައްތައެވެ.

ސީރިއާގެ މި އިންތިޚާބަކީ މިނިވަން އިންތިޚާބެއް ނޫން ކަމަށް ސީރިއާގެ އިދިކޮޅު ފަރާތްތަކާއި ބޭރުގެ ބައެއް ޤައުމުތަކުން ދަނީ ބުނަމުންނެވެ.

ސީރިޔާގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވޭ މެންބަރުން ކަނޑައަޅަނީ އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުންނެވެ. އަދި އެ ކެނޑިޑޭޓަކަށް ޤާނޫން ހަދާ މަޖިލީހުގެ 35 މެންބަރުންގެ ތާޢީދު އޮންނަން ޖެހެއެވެ. އަދި އެމީހަކީ ވޭތުވެދިޔަ 10 އަހަރު ސީރިއާގައި އުޅެފައިވާ މީހަކަށްވުމާއި ސީރިއާ މީހަކާ އިނދެގެން އުޅޭ މީހަކަށްވުން ލާޒިމްކޮށްފައިވެއެވެ. އަދި މި އިންތިޚާބުގައި ވޯޓް ލެވެނީ ހަމައެކަނި ސަރުކާރުގެ ބާރު އޮންނަ ސަރަހައްދު ތަކުގައި ދިރިއުޅޭ މީހުންނަށެވެ. ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ބާރު އޮންނަ ސަރަހައްދު ތަކުގައި ދިރިއުޅޭ މީހުންނަށް އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހަނިކޮށްފައެވެ.

އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަންއިން ސީރިއާގެ އިންތިޚާބަކީ މިނިވަން އިންތިޚާބެއް ނޫން ކަމަށް ވަނީ ބުނެފައެވެ. މިކަމުގެ ރައްދުގައި ރައީސް ބައްޝާރު ވިދާޅުވީ، ހުޅަނގުގެ ޤައުމުތަކުގެ ވިސްނުމަކީ ބޭކާރު ވިސްނުމެއް ކަމަށެވެ.

އެކި މަގާމުތަކުގައި ހުންނަވައިގެން ސީރިއާގެ ވެރިކަން ބައްޝާރުލް އަސަދު ވެރިކަން ކުރަމުން އަންނަތާ މިއީ 21 ވަނަ އަހަރުއެވެ. ސީރިއާގައި ވެރިކަމުގެ ކޮންމެ ދައުރަކީ 7 އަހަރެވެ. ރައީސް ބައްޝާރު ސީރިއާގެ ވެރިކަމަށް އައިސްފައި ވަނީ އޭނާގެ ބައްޕަ ރައީސް ހާފިޒް އަސަދު ނިޔާވުމާ ގުޅިގެންނެވެ.

2011 ވަނަ އަހަރުން ފެށިގެން ސީރިއާގައި ދާޚިލީ ހަނގުރާމެއް ދަނީ ހިނގަމުންނެވެ. މި ހަނގުރާމައިގައި މިހާތަނަށް 388,000 މީހަކު ޝަހީދުވެފައިވާއިރު، މި ހަނގުރާމައިގެ ސަބަބުން ސިރިއާގެ އާބާދީގެ ދެބައި ކުޅަ އެއްބައިވަނީ މީހުން އެޤައުމު ދޫކޮށް ރެފިއުޖުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!