އިންޓަނެޓަށް ރަނގަޅު ބަދަލެއް ގެނައުމަށް އަދިވެސް ދަނީ މަސައްކަތްކުރަމުން : މިނިސްޓަރ ޝައުނާ

އިންޓަނެޓަކީ އަސާސީ ޚިދުމަތެއް ކަމަށާއި އަލަށް އިއުލާންކުރި ބަދަލުތަކަށްވުރެ ހެޔޮ ބަދަލުތަކެއް އިންޓަނެޓަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ އިންޓަނެޓަށް ގެނެވުނު ބަދަލަކީ ފެށުން ކަމަށެވެ. އަދި މިއަށްވުރެ ވެސް ރަނގަޅު ސްޕީޑާއި އަގުތަކެއް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށް ވެސް ވިދާޅުވިއެވެ.
"ރާއްޖޭގެ ގިނަ ރަށްރަށުގައި އަދިވެސް ފިކްސްޑް ލައިންސް ބޭނުން ނުކުރޭ. އެހެންކަމުން މިގެނައި ބަދަލާއެކު ބޮޑު އާބާދީއަކަށް އޭގެ މަންފާކުރާނެ. އަޅުގަނޑު ދަންނަވާނީ މިއީ ހަމަ ފެށުމެކޭ. އަދި މިއަށްވުރެ ވެސް ރަނގަޅު ސްޕީޑާއި އަގުތަކެއް ގެނައުމަށް މިދަނީ މަސައްކަތްކުރަމުން. އެކަމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ބައިވަރު." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝައުނާ ވިދާޅުވީ ޢިއުލާންކުރި އަގުތަކަށް ބަދަލެއް ގެނައުމަށް އިތުރު މަހެއްގެ މުހުލަތު ދީފައި ވަނީ ޚިދުމަތްދޭ ފަރާތްތަކުން އެދިފައިވުމުން ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ފެންވަރު ރަނގަޅު ރައްޔިތުން އިތުބާރުކުރާ އިންޓަނެޓްގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.