ޚަބަރު

ނައިފަރުގެ މިސްކިތްތަށް ބަންދެއް ނުކުރޭ، ޖަމާޢަތުގައި ނަމާދު ކުރި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ގޯސްވަމުން ދާ މިދަނޑިވަޅުގައި ޅ. ނައިފަރަކީ ވެސް މި ބަލީގެ ނުރައްކާ އިންތިހާއަށް އޮތް ރަށެކެވެ.

Ads by MWSC

މުޖުތަމަޢީ ފެތުރުމެއް ނައިފަރުގައި އުފެދި އެ ރަށުން ދުވާލެއްގެ މައްޗަށް ފައްސިވާ އަދަދުތައް މިމަހުގެ ކުރީ ކޮޅުގައި ހުރީ 25 އިން މަތީގައެވެ. ނަމަވެސް ރަށުގެ ރައްޔިތުން ދިން އެއްބާރުލުމާ އެކު އެ ރަށުން ފައްސިވާ އަދަދު މިއަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ފައްސި ނަމްބަރުތައް މިހާރު ހުރީ ދުވާލެއްގެ މައްޗަށް 1 ނުވަތަ 2ގައެވެ. ބައެއް ދުވަސްދުވަހު ފައްސި އެއްވެސް ކޭސްއެއް ނުފެނެއެވެ.

ނައިފަރަކީ ވެސް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މޮނީޓަރިންގަށް ލެވިފައިވާ ރަށެކެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އެހެނިހެން ބައެއް ފިޔަވަޅުތައް ވެސް ނައިފަރުގައި އެޅިއެވެ.އޭގެ ތެރެއިން އެއް ފިޔަވަޅަކީ މާލެ ސަރަޙައްދުގައި ވެސް ކުރިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއުލާނު ކުރި ފަދައިން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓައިލުމެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން ނައިފަރު ކައުންސިލު ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ، އެ ރަށުގެ މިސްކިތްތަކުގައި އޭރު ވެސް ނަމާދު ކުރުން ހުއްޓައި ނުލައި ކަމަށެވެ.

" މިސްކިތްތަށް އެއިރު ވެސް ބަންދެއް ނުކުރަން. ޖަމާޢަތުގައި ނަމާދު ނުކުރި ކަމުގައި ވިޔަސް ރައްޔިތުންނަށް މިސްކިތަށް ގޮސް ނަމާދު ކުރެވޭނެ. މާތް ﷲ ގެ އިރާދަފުޅާ އެކީ މިހާރު ނައިފަރުން ކޮވިޑް-19 ގެ ހާލަތު ރަނގަޅު ވަމުން އަންނަނީ. މިހާރު މިސްކިތްތަކުގައި ޖަމާޢަތުގައި ވެސް ނަމާދު ކުރެވޭނެ " ރަޝީދު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ، ބައެއް މީހުން މި ބަލީގައި ނިޔާވި ނައިފަރުގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެގޮތުން މިއަދު ވެސް އެ ރަށުން އެއްވެސް މީހަކު މި ބައްޔަށް ފައްސި ވެފައެއް ނުވެއެވެ. ކައުންސިލު ރައީސް ވިދާޅުވި ގޮތުގައި ވަރަށް އަވަހަށް އެ ރަށް މޮނީޓަރިންގެ ހާލަތުން ނަގާނެ ކަމަށް ބެލެވެއެވެ.

  1. ޔޫސުފް

    ޓެސްޓު ނުކުރަންޏާ އެކަކުވެސް ޕޮޒިޓިވެއްނުވާނެ

  2. މަވެސް ނައިފަރު

    އަދަދު މަދު ވާނެ ޓެސްޓު ނުކުރަންޏާ. ޓެސްޓު ގެ ނަތީޖާ ނުލިބެންޏާ ވެސް އަދަދު މަދުވާނެ. މިހާރުމިއޮތް ކައުންސިލް ގެ ފަރާތުން ވަރަށް ނުފޫޒު ފޯރުވަން އުޅޭ.

  3. ރއލޓ

    ޖަމާޢަތުގައި ނަމާދުކުރިއަސް ވަކިން މިސްކިތުގައި ކުރިޔަސް ތިބުނާ ވަރަކަށް މިސްކިތަކުން ކިވިޑް ނުފެތުރެ. މާސްކުއަޅައިގެން ޖަމާޢަތުގެ ނަމާދުގެ ވަގުތުކޮޅު އެތިބޭ ތިބުމަކުން ކޮވިޑް ނުފެތުރެ. އެކަން ކަށަވަރެއްވެސް ނުވެ. ސަބަބަކީ މުނާފިޤުކަން ހުރި ބައެއް ކަންކަން ނިންމަން ތިބުން އެހެންވެ މިސްކިތްތައް ބަންދުކުރަނީ. ﷲއަށް ބިރުވެތިވާ އަޅުންނަށް އެއަވުރެ ރައްކާތެރި ތަނެއްނުވެސް ނެތް. ބިރުވެތިކަން ނެތީމާ ކޮންމެ ކަމެއްވެސްކޮށްފާނެ