ދުނިޔެ

މީގެ 200 އަހަރު ކުރިން މިސްކިތެއް އަޅަން ކަނޑައެޅި ބިމުގައި އެންމެ ފަހުން މިސްކިތް ހުޅުވައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ތަކްސިމް ސްކޮޔާގައި އައު މިސްކިތެއް އަޅައި މިދިޔަ ހުކުރު ނަމާދުން ފެށިގެން އެމިސްކިތުގައި ނަމާދު ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

މި މިސްކިތް ހުޅުވައި ދެއްވީ ތުރުކީގެ ބޮޑު ވަޒީރު ތައްޔިބް އުރުދުޣާނެވެ.

މި މިސްކިތް އަޅައިފައިވާ ބިމަކީ އުޘްމާނީ ދައުލަތުގެ 30 ވަނަ ޚަލީފާ ކަމުގައިވާ މަޙްމޫދު 11 ވަނަ ވެރިކަމުގައި މީގެ 200 އަހަރު ކުރިން މިސްކިތެއް އަޅަން ވަޤުފް ކުރެވުނު ބިމެކެވެ. އޭނާގެ ވެރިކަމުގައި މިސްކިތް ނޭޅުނީ އޭރު ކުރިމަތިވި ހަނގުރާމަތަކުގެ ސަބަބުންނެވެ. އަދި އޭގެ ފަހުން އުޘްމާނީ ދައުލަތް ނެތިގޮސް ތުރުކީ އުފަންވިއެވެ.

މި މިސްކިތް ބިނާ ކުރެވުނު، ތަކްސިމް ސްކޮޔާއަކީ ތުރުކީގެ ސެކިއުލާ ޖުމްހޫރިއްޔަތުގެ ބައްޕަ މުސްތަފާ ކަމާލް އަތާތުރްކް ހެއްދެވި ބިނާ ހުންނަ ސަރަހައްދެވެ. މި ސަރަހައްދު ވެގެންގޮސްފައި ވަނީ ދީނާ ސިޔާސަތު ވަކިކޮށްފައިވާ ވެރިކަން (ސެކިއުލަރިޒަމް) ރަމްޒުކޮށްދޭ ސަރަހައްދެއްގެ ގޮތުގައެވެ.

މިސަރަހައްދުގައި މިސްކިތެއް އަޅަން ފުރަތަމަ ފަހަރަށް މަސައްކަތްކޮށްފައި ވަނީ 1950 ގައެވެ.ނަމަވެސް އެގައުމުގެ އަސްކަރިއްޔާއިން އޭރު އެޤައުމުގައި ވެރިކަން ކުރެއްވި ބޮޑު ވަޒީރު އަދުނާން މެންޑެރެސް އެޤައުމުގެ ދަން ޖެއްސުމުން މިސްކިތުގެ މަސައްކަތް ހުއްޓިގެންދިޔައެވެ. އަދުނާން ދަން ޖައްސާފައި ވަނީ 1960ވަނަ އަހަރުއެވެ. އަސްކަރިއްޔާއިން އޭނާ ދަންޖެއްސީ ތުރުކީގައި އިސްލާމީވަންތަކަން ދަމަހައްޓައި ސެކިއުލަރ ވިސްނުން ނައްތައިލާން އުޅޭ ކަމަށް ބުނެއެވެ.

އޭފެ ފަހުން އެ މިސްކިތް އަޅަން ކުރެވުނު ހުރިހާ މަސައްކަތެއް އެޤައުމުގެ ސެކިއުލާ އަސްކަރިއްޔާއިންނާއި ކޯޓުތަކުން ވަނީ ހުއްޓުވައިފައެވެ.

އޭގެ ފަހުން މި މިސްކިތް އިމާރާތް ކުރަން ފަށައިފައި ވަނީ 2017 ވަަނަ އަހަރުގައެވެ.

ހުކުރު ނަމާދަށް ފަހު ވާހަކަފުޅު ދައްކަވުން އުރްދުޣާން ވިދާޅުވީ، މިއަދު މިސްކިތް ހުޅުވިގެން ދިއުމާ އެކު މުސްލިމުންގެ ބިނާއެއް ތުރުކީގެ މުހިންމު ހިސާބެއްގައި އެޅިގެން ގޮސްފައިވާ ކަމަށެވެ. އަދި މި މިސްކިތް ތުރުކީ އޮތްހާ ދުވަހަކު ހުންނާނެކަމަށް އެމަނިކުފާނު ވަޢުދުވެ ވަޑައިގެންފައިވެއެވެ.

މިސްކިތް ހުޅުވި ދުވަހު 10،000އަށް ވުރެ ގިނަ މީހުން އެ މިސްކިތަށް ހުކުރަށް ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިސްކިތް ފުރި މިސްކިތުގެ ބޭރުގައި ވެސް ގިނަ ބަޔަކު ވަނީ ނަމާދުކޮށްފައެވެ. ނަމާދަށް ދިޔަ މީހުންނަށް މާސްކް ބެހުމާއި ސެނެޓައިޒް ކުރުމުގައި އެ ޤައުމުގެ ސިފައިންވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

ތަކްސިމް ސްކޮޔާގައި މިސްކިތް އެޅުމުގެ ވާހަކަ އުރްދުޣާން އެންމެ ފުރަތަމަ ދެއްކެވީ އިސްތަންބޫލްގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވުމުން 1990 ގައެވެ. ތަކްސިމް ސްކޮޔާއަކީ ތުރުކީ އުފަންވުމުގެ ކުރިން އެސަރަހައްދުގައި އޮތް އުޘްމާނީ ޚިލާފަތުގައި އެކި ދީންތަކުގެ މީހުން އުޅެމުން އައި ސަރަހައްދެކެވެ. އެހެންކަމުން އެސަރަހައްދުގައި ގިނަ އަދަދެއްގެ ފައްޅި ހުރެއެވެ. އަދި މިސްކިތްތައް އެސަރަހައްދުގައި މަދެވެ.

މި މިސްކިތަކީ 4000 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!