ލައިފްސްޓައިލް

އެކުވެރިޔާއެވެ. އަހަރެން ނެތް ދުވަހަކުން އަހަރެންގެ މުހިންމުކަން ތިބާއަށް ވިސްނޭނެއެވެ.

ދެން އެމްވީ ، ދެން އޮންލައިން

ހާދަ ވަރަކަށް ގުޅައިފީމެވެ. އެންމެ ފަހަރަކު ދެ ފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ. އެހެން ނަމަވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި އިއްޔެ ހުރި މީހާ މިއަދު އަހަރެންގެ ފޯނު ކޯލަކަށް ޖަވާބެއް ނުދެއެވެ. އަހަރެންގެ މެސެޖުތަކަކަށް ރިޕްލައިއެއް ނުކުރެއެވެ. އަހަރެންނާ ބައްދަލެއް ނުވެއެވެ، ފެނުނަސް ހަމައެކަނި ހިނިތުންވުމަކުން ފުއްދާލައެވެ. އަހަރެންގެ ކައިރިއަށް އައިސް ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ.

Ads by STELCO

މީހުން ބުނާތީ އަޑު އަހަމުއެވެ. ލޯބިވެރިއަކު ގެއްލުމަށްވުރެ، އެކުވެރިއަކު ގެއްލުނީމާ ވާ ދެރަ މާ ބޮޑު ވާނެއެވެ. އެއީ ތެދެކެވެ. ހަގީގަތުގައި އެކުވެރިކަމަކީ ވަރަށް މާތް ގުޅުމެކެވެ. މަތިވެރި ގުޅުމެކެވެ. އެކުވެރިންނަކީ އެކަކު އަނެކަކަށް ޓަކައި ކޮންމެ ހާލަތެއްގައި ވެސް ތިބޭ ބައެކެވެ. އަނެކާ އެންމެ ބިކަވެ ނިކަމެތިވާ ދުވަހު ވެސް އޭނާއަށް އެހީތެރިވާ މީހުންނެވެ. އޭނާގެ އަތުގައި ފައިސާއެއް ނެތަސް އޭނާގެ ގާތުގައި ތިބޭ މީހުންނެވެ. ބަލިވެއްޖެ ނަމަ ހާލުބަލައި އަޅާލާ މީހުންނެވެ. ވެއްޓިއްޖެ ނަމަ އޭނާ ވެއްޓިއްޖެކަން އަނެކާއަށް އެނގުމުގެ ކުރިން ނަގާ މީހުންނެވެ.

އެކުވެރިކަމުގެ ހަގީގީ މާނަ ގިނަ މީހުންނަށް ނޭނގޭ ކަމީ ހިތާމަ ހުރި ކަމެކެވެ. ކަމަކު ޖެހުނީމާ އެކުވެރިޔާ ފެނުމަކީ އެއީ އެކުވެރިކަމެއް ނޫނެވެ. ފައިސާއަށް ދަތިވުމުން އެކުވެރިޔާ ފެނުމަކިީ އެއީ އެކުވެރިކަމެއް ނޫނެވެ. ތަނަކަށް ދާން "ރައިޑެއް" ބޭނުންވީމާ އެކުވެރިޔާ ފެނުމަކީ އެއީ ވެސް އެކުވެރިކަމެއް ނޫނެވެ. އެކުވެރިންނަކީ އެއަށްވުރެ މާ ގާތް ބައެކެވެ. ދިރިއުޅުމުގައި ހިނގާ ކަންކަން ހިއްސާ ކުރާ މިތުރުންތަކެކެވެ. އެހެން ނަމަވެސް ކަންކަން ބަދަލުވަނީ އެހާ އަވަހަށެވެ.

ހަގީގީ އެކުވެރިއަކު ތިބާ ދޫކޮށް ނުދާނެއެވެ. ތިބާއަށް ކޮންމެ ފަދަ ކަމެއް ވިޔަސް ތިބާގެ ގާތުގައި ހުންނާނެއެވެެ. ތިބާ ގޯސް މަގަކުން ދާ ނަމަ ތިބާއަށް މަގު ދައްކާނެއެވެ. ތިބާއަށް ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ އެ ވާހަކަ ތިބާގެ ގާތުގައި ބުނާނެއެވެ. އެވާހަކަ ގޮސް ދައްކާނީ ހޮޅުއަށިތަކުގައެއް ނޫނެވެ.

މިއަދު އަހަރެންގެ އެކުވެރިޔާ ގާތުގައި ބުނެލަން ބޭނުންވެއެވެ. ތިބާ އަހަރެންގެ ދިރިއުޅުމަށް އައިސް އަހަންނަށް ހިނިތުންވާން ދަސްކޮށްދިނެވެ. އަހަރެން އެންމެ ހިތާމަކުރި ދުވަހު އަހަންނަށް ހިތްވަރު ދިނެވެ. ބަލިވި ދުވަހު އަޅާލިއެވެ. ނަމަވެސް މިއަދު ތިބާ ކޮބާ ހެއްޔެވެ؟ ތިބާއަށް އަހަރެންނަކީ މުހިންމު މީހަކަށް ވެސް ނުވީތާއެވެ.

މިތުރާއެވެ. މާދަމާ ވެސް އަހަރެން ލޯ މަރައިލައިފި ނަމަ އަހަރެންގެ މިސްކޯލްތައް ފެނުމުން ތިބާ ރޯނެއެވެ. އަހަރެންގެ މެސެޖުތަކަަށް ބަލައި ހުއްޓިގެން އިންނާނެއެވެ. އެކުގައި ޖެހިހާ ސަކަރާތަކާއި ކުރިހާ މަޖަލެއް ލޯ ކުރިމަތީގައި ސިފަވެސިފަވެ ހުންނާނެއެވެ. އެހެނަސް އަހަންނެއް ނުހުންނާނެއެވެ. އަހަރެން ވާނީ މާ ދުރުގައެވެ. އާނއެކެވެ. އަހަރެން ނެތް ދުވަހަކުން އަހަރެންގެ މުހިންމުކަން ތިބާއަށް ވިސްނޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!