ޚަބަރު ރައްޔިތުންގެ މަޖިލިސް

ސެކިއުރިޓީ މައުލޫމާތު ހާމަވި މައްސަލައިގައި އެމްއެންޑީއެފުން ހަނު ހުންނާތީ ހަސަން ލަތީފްގެ ކަންބޮޑުވުން!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު، ގ.ކެނެރީގޭގެ ސެކިއުރިޓީ މައުލޫމާތުތަކެއް މީޑިޔާއަށް ހާމަވި މައްސަލައިގައި އެމްއެންޑީއެފުން މިހާތަނަށް ވެސް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީޕް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

Ads by STELCO

މިއަދު އޮންލައިން ކޮށް ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، މީޑިޔާއަށް ހާމަވި މައުލޫމާތުތަކަކީ އެމްއެންޑީއެފްގެ ވަރަށް މަދު ބަޔަކަށް ނޫނީ ނޭނގޭ މައުލޫމާތުތަކެއް ކަމަށެވެ.

“ލީކްވި މައުލޫމާތުތަކަކީ އެމްއެންޑީއެފްގެ ވަރަށް މަދުބަޔަކަށް ނޫނީ ނޭނގޭ މައުލޫމާތުތަކެއް. ހަމަގައިމު ވެސް އާއްމުންގެ މީހެއް ނޫން މައުލޫމާތު ދީފަައި އެވަނީ. އާންމުންގެ މީހަކުކަމަށް ވިޔަސް އެއީވެސް މައްސަލައެއް.” ކަންބޮޑުވުންފާޅު ކުރައްވަމުން މެމްބަރު ހަސަން ވިދާޅުވިއެވެ.

މެމްބަރު ހަސަން ވިދާޅުވީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހްގީގުވެސް އަވަސް ކުރަން ޖެހޭ ކަމަށާއި އޭގެ އިތުރަށް މައުލޫމާތު ލީކްވި މައްސަލަ ވެސް ސީރިއަސް މައްސަލައެއް ގޮތުގައި ތަހްގީގް ކުރަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އެމްއެންޑީއެފުން އެމައްސަލައިގައި އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާކަމަށް ޙަސަން ވިދާޅުވިއެވެ.

ހަސަން އިތުރަށް ވިދާޅުވީ ގ.ކެނެރީގޭގެ ސެކިއުރިޓީ އެމްއެންޑީއެފުން ބަލަހައްޓަމުން ދިޔަ ނަމަވެސް އެގޭގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރު ނުވާކަމަށެވެ.

“ މައުލޫމާތުތައް އާންމުވުމަކީ ސީރިއަސް މައްސަލައެއް. އެކަމުގެ ސަބަބުން އެގޭގައި ދިރިއުޅޭ އެންމެން މިވަނީ ނުރައްކަލަކަށް ހުށައެޅިފަ.  މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ” ހަސަން ލަތީފް ވިދާޅުވިއެވެ

މިއަދު ކުރިއަށްދާ ޖަލްސާގައި ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅާ ބެހޭގޮތުން މައުލޫމާތު ލީކްވި މައްސަލަ މަޖިލީހުން ތަހްގީގު ކުރަން ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން "މިހާރު" ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓާ ގުޅިގެން، އެ ރިޕޯޓުގައި ހިިމަނާފައިވާ މައުލޫމާތުގެ މަސްދަރު ހޯދަން މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ދީފައިވާ ކަމަށް މީޑިއާ ކައުންސިލް އިން ވަނީ ބުނެފައެވެ. އެމައްސަލައިގައި މީޑިޔާ ކައުންސިލުން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއަށް ފޯނުން ގުޅައި މަޝްވަރާކޮށްފައިވާ ކަމަށާއި ކޮމިޓީން މި މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިން ނޫސްވެރިޔާގެ ކިބައިން ނުވަތަ ނޫހުގެކިބައިން މަސްދަރު ހޯދުމަށް މަސައްކަތް ނުކުރައްވާނެކަމުގެ ޔަގީންކަން އެ ކޮމިޓީގެ މުގައްރިރު ކައުންސިލަށް ދެއްވާފައިވާ ކަމަށް މީޑިއާ ކައުންސިލުން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް ރާއްޖެއިން ފަރުވާ ހޯއްދެވުމަށް ފަހު، އެމަނިކުފާނު މިހާރު ހުންނެވީ ޖަރުމަނުވިލާތުގައެވެ. އެހަމަލާއަށް ފަހު ސީރިއަސް ތަހުގީގެއް ހިންގަން ފަށައި މިހާތަނަށް މި މައްސަލައާ ގުޅުން ހުރި 4 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެހެން ނަމަވެސް ހައްޔަރު ކުރި 4 މީހުން ވެސް ކޮވިޑް19އަށް ފައްސި ވުމުގެ ސަބަބުން މިހާރު ތަހްގީގް ވަނީ މަޑުޖެހިފައިކަމަށް ހޯމް މިނިސްޓަރ އިމްރާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!