ޒުވާނާ ރަހީނުކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ކުޅުދުށްފުށީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މިހާތަނަށް ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައި ވާކަމަށެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ ޒުވާނަކާއި 25 އަހަރުގެ ޒުވާނެކެވެ. އަދި ރަހީނުކުރި ޒުވާނާ އަރުވައިގެން ގެންދިޔަކަމަށް ބެލެވޭ ކާރު ވެސް ކޯޓް އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެނެސްފައިވާކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މި މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު ރަހީނު ކުރީ ކުޅުދުއްފުށި/ރަތްފުސްގެ، އަހްމަދު އިބްރާހީމްއެވެ. މި މަހުގެ 29 ވަނަ ދުވަހުގެ ރޭ އަހުމަދު އިބްރާހިމް ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާ ކުރުމުން، އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އަހްމަދު އިބްރާހީމްގެ ބައްޕަ އިބްރާހިމް ހުސައިން އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ބުނީ އޭޑީކޭ ހޮސްޕިޓަލުން އަހްމަދުގެ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ. އޭނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް އިބްރާހިމް ބުންޏެވެ.
އަހުމަދު ރަހީނުކޮށް އަނިޔާކުރީ ކޮން މައްސަލައެއްގައި ކަމެއް އަދި އޭނާއަށް އަނިޔާކުރީ ކޮން ބައެއްކަމެއް ވެސް އާއިލާއަށް ނޭނގޭ ކަމަށް އިބްރާހިމް ބުނެފައިވެއެވެ.