އެހެންމީހުންނަށް ބަރޯސާ ނުވެ އުޅެން މަންމަ އަބަދުވެސް ބުނޭ: ޖާންވީ ކަޕޫރު

މަންމަ މަތިން ވަރަށް ހަނދާންވާ ކަމަށާއި އެންމެ ހަނދާން ވަނީ އެހެން މީހަކަށް ބަރޯސާނުވެ އުޅެން ދަސްކުރަން ބުނާ ވާހަކަކަމަށް އަރަމުން އަންނަ ތަރި ޖާންވީ ކަޕޫރު ބުނެފިއެވެ.
ބޮލީވުޑްގެ ލެޖެންޑްރީ އެކްޓްރެސް ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު ބުނީ އޭނާ ނަމޫނާއަކަށް ބަލަނީ "ބާރުގަދަ" މީހެއްކަމަށާއި އެހެން މީހުންނަށް ބަރޯސާ ނުވެ އަމިއްލަ ފައިމައްޗަައް ކޮޅަށް ތެދުވަން މަންމަ ބުނެދޭ ކަމަށެވެ.
ފިލްމް ޕްރޮޑިއުސަރ ބޯނީ ކަޕޫރާއި ސްރީދޭވީގެ ދެ ދަރިން ތިބޭއިރު ފިލްމީ ދާއިރާއަށް އަދި ނުކުމެފައި ވަނީ ޖާންވީއެވެ. އޭނާ އެންމެފަހުން ފެނިފައި ވަނީ ރާޖް ކުމާރްރާއޯ އާއެކު ފިލްމް ރޫހީއިންނެވެ.
ބިރުވެރި ކޮމިޑީ ފިލްމް ރޫހީއަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރެއިން އިންޑިޔާގެ ސިނަމާތަކުގައި އަޅުވަން ސަރުކާރުން ހުއްދަދިން ފުރަތަމަ ބޮލީވުޑްގެ ފިލްމެވެ.
ޖާންވީގެ މަންމަ ސްރީދޭވީ މަރުވެފައި އޮއްވާ ފެނުނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބާތު ޓަބެއްގެ ތެރެއިންނެވެ. ސްރީދޭވީގެ 50 އަހަރުވީ ކާމީޔާބު ކެރިއަރުގައި އޭނާ ފާހަގަވެފައި ވަނީ ރީތިކަމަށް ބަދަލެއް ނާންނަ ތަރިއެއްގެ ގޮތުގައެވެ.
ޖާންވީގެ ބައްޕަ ބޯނީ ކަޕޫރުގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެދަރިންގެ ތެރެއިން އަރްޖުން ކަޕޫރަކީ ބޮލީވުޑްގެ ކާމިޔާބު ތަރިއެކެވެ. އޭނާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ސްރައްދާ ކަޕޫރާއެކު ފެނިގެން ދިޔަ ހާފް ގާލް ފްރެންޑް ހިމެނެއެވެ.