ބޮލީވުޑް

ކައިވެންޏާއި ލޯތްބާ މެދު އަހަންނަށް އިތުބާރު ގެއްލިއްޖެ: ރާކީ ސާވަންތު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެތައް ބައެއްގެ ލޯބި ހޯދައިފައިވާ އެކްޓަރުން ކަމުގައިވާ ކަރަން މެހެރާއާއި ނިޝާ ރަވާލްގެ ކައިވެންޏަށް ވީ ގޮތުން، ކައިވެންޏާއި ލޯތްބާ މެދު އިތުބާރު ގެއްލިއްޖެ ކަމަށް އިންޑިއާގެ މަޝްހޫރު "އައިޓަލް ގާލް" އަދި އެކްޓްރެސް ރާކީ ސާވަންތު ބުނެފިއެވެ.

Ads by STELCO

ރާކީ ސާވަންތުގެ އަމިއްލަ ދިރިއުޅުމަކީ ގިނަ ފަހަރަށް އާންމުންނަށް ސިއްރުވެފައި އޮންނަ ދިރިއުޅުމެއް ނޫނެވެ. އެގޮތުން އޭނާގެ ކުރީގެ ލޯބިވެރިޔާ އަބީޝޭކް އަވަސްތީއާ ލޯބީގެ ގޮތުން ގުޅިގެން އުޅުމާއި އެ ގުޅުން ނިމިގެން ދިޔަ ގޮތް ވެސް ރާކީ ވަނީ އޭނާގެ ފޭނުންނާ ހިއްސާ ކޮށްފައެވެ.

އެއަށް ފަހު 2019 ވަނަ އަހަރު ރިތޭޝް ކިޔާ މީހަކާ ކައިވެނި ކޮށްގެން އުޅޭ ކަމަށް ވެސް ރާކީ ބުންޏެވެ. ނަމަވެސް ކައިވެނީގެ އެއްވެސް ފޮޓޯއެއް އަދި މިހާތަނަށް ނުފެނުމާއި ރިތޭޝްގެ ފޮޓޯއެއް ވެސް ފެނިފައި ނުވުމާ ގުޅިގެން އެއީ ތެދެއް ކަމާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ނަމަވެސް ރާކީ ބުނަމުން އައީ ރިތޭޝްއަކީ ހަގީގަތުގައި ވެސް ހުރި މީހެއް ކަމަށާއި އެ ދެމަފިރިން އުޅެމުން އަންނަނީ ވަރަށް ލޯބިން ކަމަށެވެ.

ނަމަވެސް ދާދި ފަހުން އެކްޓަރ ނިޝާ ރަވާލްއާއި ކަރަން މެހެރާގެ ކައިވެންޏަށް ވީ ގޮތުން ރާކީ މިހާރު ބުނަނީ އޭނައަށް ކައިވެންޏާއި ލޯތްބާ މެދު އިތުބާރު ގެއްލިއްޖެ ކަމަށެވެ.

" އެ ދެ މީހުން އަބަދުވެސް ފެނުނީ ވަރަށް ލޯބިން އުޅޭ ދެ މީހުންގެ ގޮތުގައި. އެކަމަކު ނިޝާއަށް ކަރަން ހެދި ގޮތްތައް އެނގިފަ މިހާރު އަހަންނަށް ލޯތްބާއި ކައިވެންޏާ މެދު އޮތް އިތުބާރު ގެއްލިއްޖެ. ނިޝާއަކީ ވަރަށް މަޑުމައިތިރި ސާދާ މިޒާޖެއްގެ މީހެއް. އޭނައަށް ލިބިފައި ހުރި އަނިޔާތައް ފެނިފަ އަހަންނަށް ރޮވުނު. ކަރަންއަކީ ވެސް މަޑުމައިތިރި މީހެއް. އެހެންވެ އަހަންނަކަށް ނޭނގެ ވެގެން މިއުޅޭ ގޮތެއް" ނޫސްތަކަށް މައުލޫމާތު ދެމުން ރާކީ ބުންޏެވެ.

ކަރަން މެހެރާ އުޅުނީ ކައިވެނިން ބޭރުން އެހެން އަންހެނަކާ ގުޅުން ހިންގައިގެން ކަމަށާއި ނިޝާއަށް އަނިޔާ ކުރި ކަމަށް އޭނާ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައެވެ. އެހެންކަމުން އެފަދަ އަނިޔާވެރިއަކާ އެއްކޮށް އުޅެން ބޭނުން ނުވާ ކަމަށާއި، ދަރިއަކު ލިބިފައިވީ ނަމަވެސް ދެމީހުން ވަރިވާން ނިންމާފައިވާ ކަމަށް ނިޝާ ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!