ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފި
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މިހާތަނަށް 14 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން ފުލުހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ފަރާތުން ޗީފް ސުޕަރިންޓެންޑަންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ވިދާޅުވީ، މި ހަމަލާއާ ގުޅިގެން މިހާތަނަށް 25 ތަނެއް ބަލައިފާސްކޮށް، 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ ރައީސް ނަޝީދަށް ދީފައިވާ އެ ހަމަލާއާ ގުޅިގެން 150 މީހަކު މައުލޫމާތު ފޯރުކޮށްދިން ކަމަށެވެ. ހައްޔަރު ކޮށްފައިވާ 14 މީހުންގެ ތެރެއިން 4 މީހަކީ އެ ހަމަލާއާ ސީދާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހެއް ކަމަށާއި އަނެއް 10 މީހުންނަކީ ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 10 މީހުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް ލިބިލެއްވި އަނިޔާތަކަށް ފުރަތަމަ ފަރުވާ ދެއްވީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އެގޮތުން 16 ގަޑިއިރު ތެރޭގައި ރައީސް ނަޝީދުގެ ހަތަރު ސާޖަރީއެއް ކޮށްފައިވާ ކަމަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަކުން މައުލޫމާތު ދެއްވައިފަ ވެއެވެ.
ރައީސް ނަޝީދު މިވަގުތު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގައެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ދިން ހަމަލާގެ ތަހުގީގުގެ މައުލޫމާތު ފުލުހުން ގެންދަވަނީ ސީދާ އެމަނިކުފާނާ ހިއްސާ ކުރައްވަމުންނެވެ.