ޓެކްނޮލޮޖީ

އައިފޯން ނުގެންގުޅޭ ފަރާތްތަކަށް އުފާވެރި ޚަބަރެއް: ފޭސްޓައިމް އެންޑްރޮއިޑް އަދި ވިންޑޯސްއަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ފޭސްޓައިިމްއަކީ އެޕަލްގެ ޕްރަޑަކްޓްތައް ބޭނުން ކުރަމުން އަންނަ ފަރާތްތަކުގެ މެދުގައި މަޤްބޫލް އެޕްއެކެވެ. އެހެން ނަމަވެސް މި އެޕްއިން އައިފޯން، އައިޕެޑް ނުވަތަ މެކްބުކް ބޭނުން ނުކުރާ ފަރާތްތަކަށް ނުގުޅޭކަމީ މި އެޕް ބޭނުން ކުރަމުން އަންނަ ފަރާތްތަކުގެ ދުވަސްވީ ޝަކުވާއެކެވެ. މި ޝަކުވާތަކުގެ އަޑު އަހައި އެޕަލްއިން މިވަނީ ފޭސްޓައިމް އެންޑްރޮއިޑް ފޯނުތަކަށާއި ވިންޑޯސް ލެޕްޓޮޕްތަކަށް ދޫކުރަން ނިންމައިފައެވެ.

Ads by MWSC

މި ބޮޑު ނިންމުން ހާމަކޮށްފައި ވަނީ ވާޗުއަލްކޮށް ފެށި އެޕަލްގެ ކުންފުނީގެ މި އަހަރުގެ ވޯލްޑް ވައިޑް ޑިވެލޮޕާޒް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ)ގައެވެ.

ފޭސްޓައިމް އެޕަށް ގިނަ ބަދަލުތަކެއް ގެންނަކަން އެޕްލައިން ހާމަކޮށްފައިވާއިރު، އެޕަލްއިން މިހާރު އަމާޒު ހިފައިފައި ހުރީ ފޭސްޓައިމްއަކީ، ޒޫމް ގޮތަށް މީޓިންގް ބާއްވާ އެޕެއްގެ ގޮތުގައި އަލުން މާކެޓަށް ނެރުމެވެ، ކޮވިޑް-19އާ ގުޅިގެން މުޅި ދުނިޔެ ލޮކްޑައުން ކުރުމާއި ގުޅިގެން ޒޫމް ބޭނުން ކުރާ ފަރާތްތައް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. އެޕަލްއިން ބޭނުން ވަނީ، ފޭސްޓައިމްއަކީ ޒޫމް ޖަހައިލެވޭ ވަރުގެ އެޕަކަށް ހެދުމެވެ. މިގޮތުން ފޭސްޓައިމްއަށް ގެންނަން ނިންމައިފައިވާ ބައެއް ބަދަލުތަކުގެ ތެރޭގައި ޒޫމް ގޮތަށް މީޓިންތައް ކުރިއާލައި ޝެޑިއުލްކޮށްގެން ބޭއްވޭ ގޮތް ހެދުމާއި ވީޑިއޯ ކޯލްގެ އަޑު ރަނގަޅުގޮތް، ވީޑިއޯ ކޯލްތަކުގެ ބެކްގްރައުންޑް ބްލާކުރެވޭ ގޮތް ހެދުން ހިމެނެއެވެ. މީގެ އިތުރުން ފޭސްޓައިމަށް "ޝެއާ ޕްލޭ' ގެ ނަމުގައި ވެސް އާ ފީޗާއެއް ގެންނާނެއެވެ. މި ފީޗާގެ ސަބަބުން އެއް ފަހަރާ ގިނަ ބަޔަކަށް އެކައްޗެއް އަޑު އަހައިލައި ނުވަތަ ބަލައިލުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

އެޕަލްއިން ބުނެފައި ވަނީ މި ޕީޗަރތަކާ އެކު ފޭސްޓައިމް އެންޑްރޮއިޑް އަދި ވިންޑޯސްއަށް ބޭނުން ކުރެވޭ ގޮތަށް ނެރުމަށް ހަމަޖެހިފައި ވަނީ، އޮގަސްޓް/ސެޕްޓެމްބަރު ހިސާބުގައި އައިއޯސް 15 ލޯންޗާއެކީގައި ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!