ދުނިޔެ

ބިރުވެރިކަން އިންތިހާއަށް، ހަލުވިކަމާ އެކު ބްލެކް ފަންގަސް ފެތުރެނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް19ގެ ބިޔަ ރާޅަކުން އަވައްޓެރި އިންޑިޔާއަށް ހިންދެމި ނުލެވި އުޅެނިކޮށް އެގައުމުގައި ހަލުވި ކަމާއެކު ބްލެކް ފަންގަސް ފެތުރެން ފަށައިފިއެވެ.

Ads by Sosun Fihaara

މިހާތަނަށް އިންޑިޔާގައި 28،000އަށްވުރެ ގިނަ މީހުންނަށް ބްލެކް ފަންގަސް ބަލިޖެހިފައިވާކަމަށް އިންޑިޔާގެ ޞިއްޙަތާބެހޭ ވަޒީރު ހަރުޝް ވަރުދަން ވިދާޅުވިއެވެ. މިގޮތުން އެގައުމުގެ 28 ސްޓޭޓަކުން ޖުމުލަ 28،252 މީހުންނަށް އެ ބަލިޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން 86 އިންސައްތަ މީހުންނަކީ ކުރިން ކޯވިޑް-19 ޖެހިފައިވާ މީހުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި 62.3 އިންސައްތަ މީހުންނަކީ ހަކުރުބަލި ހުންނަ މީހުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑިޔާގައި މިހާތަނަށް 28.9 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހި 351،344 މީހުން ވަނީ މަރުވެފައެވެ. މީގެ ކުރިން އެ ޤައުމުގައި ދުވާލެއްގެ މައްޗަށް 400،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހުނު ނަމަވެސް ދުވާލެއްގެ މައްޗަށް އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު މިހާރުވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހިފައި ވަނީ 87،345 މީހުންނަށެވެ.

ކޯވިޑް-19 ފެތުރެން ފެށުމުގެ ކުރިން ވެސް ބުލެކު ފަންގަސް ޖެހިފައިވާ މީހުންގެ ޢަދަދު އެހެން ޤައުމުތަކަށް ވުރެ އިންޑިޔާގައި ގިނައެވެ. ނަމަވެސް ކޯވިޑް-19 ފެތުރެން ފެށިފަހުން އެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ޞިއްޙީ މާހިރުން ބުނެއެވެ. ބައެއް ހަސްފަތާލުތަކުން ބުނާ ގޮތުގައި ބުލެކު ފަންގަސް ޖެހިފައިވާ މީހަކަށް މީގެ ކުރިން ފަރުވާ ދޭންޖެހެނީ އަހަރަކު އެއް ފަހަރުކަމަށާއި މިހާރު ހަފުތާއަކު އެކަކަށް ފަރުވާދޭން ޖެހޭ ކަމަށެވެ.

އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބުލެކު ފަންގަސް ޖެހިފައި ވަނީ މަހާރަޝްތުރާ ސްޓޭޓުގައެވެ. އެ ސްޓޭޓުން ބަލިޖެހިފައިވާ 6،329 މީހުން ފެނިފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ ގުޖުރާތުގައެވެ. އެއަށްފަހު އެންމެ ގިނަ މީހުންނަށް ބަލިޖެހިފައި ވަނީ މަދުޔަ ޕުރަދޭޝާއި އުއްތަރު ޕުރަދޭޝާއި ރާޖަސްތާނާއި ހަރިޔާނާއާއި ކަރުނާޓަކާއާއި ދިއްލީއާއި އަންދުރަ ޕުރަދޭޝުގައެވެ.

ބްލެކް ފަންގަސްއަކީ ވައިގެ ތެރޭގައިއާއި ވެލީގެ ތެރޭގެ އިތުރުން ބައެއް ކާ އެއްޗެހީގައި ވެސް ހުންނަ ފަންގަސްއެކެވެ. ހަށިގަނޑުތެރެއަށް މި ފަންގަސް ވަންނަނީ އަނގަޔާއި ނޭފަތުގެ އިތުރުން ލޮލުންނެވެ. ނުރައްކާތެރި ބްލެކް ފަންގަސް އިންފެކްޝަނުގެ ސަބަބުން ސިކުނޑިއަށް ނުރައްކާވެއެވެ. އަދި ފަރުވާ ނުލިބިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވެއެވެ. ހަށިގަނޑުގެ ލޭހޮޅިތަކުން ބަލީގެ ޖަރާސީމު ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް ދެއެވެ. އާންމުގޮތެއްގައި ބަލީގެ ޖަރާސީމުގެ ސަބަބުން ނުރައްކާވާ ހިސާބަށް ދާ ގުނަވަންތަކުގެ ތެރޭގައި ހިތް، ހަންގަނޑު، ހުންކޮށި ނުވަތަ ސްޕްލީން ހިމެނެއެވެ

ބަލީގެ އަލާމާތްތަކުގެ ތެރޭގައި، ލޮލުގައި ރިއްސުމާއި، ހުން އައުމާއި، މޫނުގެ އެއްފަޅި ދުޅަވުމާއި، ނުވަތަ ނޭފަތުގައި ކަޅު ކުލައިގެ ފަށެއް އެޅިފައި ހުރެ ދުވަހަކަށް ވުރެ ދުވަހެއް އެތަން ހަލާކުވާލެއް ބޮޑުވުން އަދި ނޭފަތް ބެދުން ހިމެނެއެވެ. މި ބަލީގައި ބޮޑުވަރުވުމުން ގަދައަށް ހުން އައިސް، ދަށް ބަނޑަށް ތަދުވެ ލޮލުގެ ފެނުން ދަށްވުމާއި ލޮލުގެ ފެނުން ގެއްލުން، ލޮލުގެ ތިރީ ބައިގައި ރިއްސުން އަދި ލޯ ފުއްޕުން ފަދަ ކަންކަން ހިމެނެއެވެ. އަދި ކެއްސާއިރު ލޭ އައުމަކީ ވެސް ބަލިޖެހި ބޮޑުވަރު ވެފައިވާ ކަމުގެ އަލާމާތެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!