ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާ: ޖަލުތަކުގައި ވެސް ހާއްސަ އޮޕަރޭޝަނެއް ފަށައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒު ކޮށްގެން ދިން ހަމަލާއާ ގުޅިގެން ޖަލު ތަކުގައި ވެސް ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

Ads by Sosun Fihaara

މިކަން ހާމަ ކުރައްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ 6 މެއި 2021 ވަނަ ދުވަހު ރަތްޔިތުންގެ މަޖިލީހުގެ ރައީސްއަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަންނާ ގުޅިގެން އެ ސަރވިސްގެ މާލޭ ޖަލާއި މާފުށީ ޖަލުގައި 3 މުއައްސަސާ ގުޅިގެން މިއަދު ހާއްސަ އޮޕަރޭޝަނެއް ހިންގަމުން ދާ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރު ކޮށްފައި ވެއެވެ. އޭގެ ތެރެއިން ފުރަތަމަ ހައްޔަރު ކުރީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި، ގއ. ކޮނޑޭ/ ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން ވ. ތިނަދޫ/ ހިޔާ އަހުމަދު އަދުހަމް ރަޝީދުއެވެ. މި މައްސަލައިގައި ހަތަރު ވަނަ މީހަކަށް ހައްޔަރު ކޮށްފައިވަނީ ލ. ގަން/ ދުންފިނިއުފާ، އަޙްމަދު ފާތިޙްއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލައިގައި ބާރުގަދަ އައިއީޑީއެއް ސައިކަލުގެ މަޑި ދަށަށް ލައި ގޮއްވައިލީ އެމަނިކުފާނު ދިރިއުޅުއްވާ ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އެރުއްވުމަށް ހިންގަވައިފައި ވަޑައިގަންނަވަނިކޮށެވެ. އޭރު ގޮއްވައިލި ސައިކަލު ބަހައްޓައިފައި ހުރީ ނީލޯފަރު ހިނގުމާއި މަޖީދީމަގާ ވީ ކަންމަތީގައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ހަމަލާއަކީ ހަރުކަށި ފިކުރާ ގުޅުން ހުރި ހަމަލާއެއް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން މި ހަމަލާއާ ގުޅިގެން މިހާތަނަށް 25 ތަނެއް ބަލައިފާސްކޮށް، 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެތެރެއިން 10 މީހުންނަކީ ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ކަމުގައި ވެސް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!