ކަރަންޓީނުކޮށްފައި ހުރި ގެޔަކަށް ވަތް މީހަކު 5000 ރުފިޔާއިން ޖޫރިމަނާކޮށްފި

ށ.ފުނަދޫގައި ބަޔަކު ކަރަންޓީނުގައި ތިބި ގެއަކަށް ވަތް ފިރިހެނަކު 5000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ފުނަދޫ ކައުންސިލުގެ ރައީސް އަހުމަދު އިބްރާހިމްފުޅު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލެއިން ގޮސް ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ތިބި ގެއަކަށް މީހަކު ވަނުމުން އާއްމުންގެ މީހަކު އެކަން ކައުންސިލަށް ރިޕޯޓް ކުރުމުން، ފުލުހުން އެމީހާ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
"އާއްމުންގެ މީހަކު އެކަން ކައުންސިލަށް ރިޕޯޓު ކުރީ. ދެން އަޅުގަނޑުމެން އެކަން ފުލުހުންނަށް ރިޕޯޓް ކުރުުމުން އޭނާ ޖޫރިމަނާ ކުރީ ފުލުހުން. އަނެއްހެން ބުނަންޏާ އޭނަ ކޮންޓެކްޓެއް ވެސް ނުވޭ. އެކަމަކު ނޯޓިސް ހަރުކޮށްފަ އިންދާ އެގެއަށް އޭނާ ވަނީމަ ޖޫރިމަނާކުރީ" އަހުމަދު ވިދާޅުވިއެވެ.
ފުނަދޫ ކައުންސިލުގެ ރައީސް ވިދާޅުވީ ފުނަދޫއަކީ އެއަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވުމުން ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބަލާ ކަމަށާއި އަތޮޅުގެ ހާލަތު ގޯސްވެގެން ދިޔައިރުވެސް އެރަށުގެ ހާލަތު ކޮންޓްރޯލްގައި އޮތީ ރައްޔިތުންގެ އެއްބާރުލުމާ އެކުގައި ކަމަށެވެ.
"މި ރަށަކީ ކޮންމެ ދުވަހަކު ވެސް ގިނަ މީހުން އަންނަ ރަށެއް. އެހެންވީމަ އެންމެންގެ ރައްކާތެރިކަމަށް ވަރަށް ވިސްނަން ޖެހޭ. ރައްޔިތުންގެ ކިޔަމަންތެރިކަމުން މިހައިތަނަށް ވެސް މިރަށުގެ ހާލަތު ރަނގަޅަށް މިއޮތީ" އަހުމަދު އިތުރަށް ވިދާޅުވިއެވެ.
މިވަގުތު އެރަށުގެ 15 ގެއެއްގައި ކަރަންޓީނުގައި މީހުން ތިބި ނަމަވެސް ރަށުގެ ހާލަތު އާއްމުގޮތެއްގައި ރަނގަޅުކަމަށް އަހުމަދު ވިދާޅުވިއެވެ.