އެރިކްސަންގެ ފުރާނަ ސަލާމަތް ކުރުމުގައި ކުޅުންތެރިންގެ ދައުރު ބޮޑު، ދެ ޓީމުން ވެސް ދެއްކީ ނަމޫނާއެއް
ރޭ ގިނަ ބަޔަކަށް ސިހުން ގެނުވީ ޔޫރޯ 2020 ގައި ޑެންމާކާއި ފިންލެންޑް ކުޅެމުން ދިޔަ ފޯރިގަދަ މެޗުގައި ޑެންމާކުގެ މަޝްހޫރު ކުޅުންތެރިޔާ ކްރިސްޓިއަން އެރިކްސަން ކުއްލިއަކަށް ދަނޑުމައްޗަށް ވެއްޓުނު ހާދިސާއިންނެވެ. އުމުރުން 29 އަހަރުގެ އެރިކްސަން ވެއްޓުމާ އެކު މެޗު ހުއްޓައިލާ އެރިކްސަންއަށް ކުއްލި ފަރުވާ ދޭން ފެށުނެވެ.
މިގޮތަށް ދަނޑު މައްޗަށް ވެއްޓިގެން އަވަސް ފަރުވާ ނުދެވި މީގެ ކުރިން އެތައް ކުޅުންތެރިނެއް ވަނީ މަރުވެފައެވެ. މިހެންކަމުން ރޭގެ މެޗުގައި އެރިކްސަން ވެއްޓުމާ އެކު ފަސް ސިކުންތުގެ ތެރޭގައި ކުޅުން ހުއްޓުވައި މެޑިކަލް ޓީމު ދަނޑަށް އެރުވިއެވެ. މި ހިނގި ވަގުތުކޮޅުގެ ތެރޭގައި ޑެންމާކްގެ ޓީމް ކެޕްޓަން ސިމޯން ކިއޭ ވަނީ އެރިކްސަންއަށް ފަރުވާ ދީފައެވެ.
ރޭގެ މެޗްގެ މަންޒަރުތަކުން ފެންނަ ގޮތުން އެރިކްސަން ދަނޑު މައްޗަށް ވެއްޓުމާ އެކު ކިއޭ ވަނީ ސިއްހީ އެހީތެރިކަން ބޭނުންވާ ކަމަށް އިސާރާތްކޮށް، އެރިކްސަންއަށް ފަރުވާ ދޭން ފަށައިފައެވެ. މިގޮތުން އޭނާއަށް ސީޕީއާރު ދީ، ނޭވާ ނުހުއްޓޭ ގޮތަށް އަނގަ ބަންދު ވިޔަ ނުދޭން މަސައްކަތް ކުރިއެވެ.
ޑެންމާކުގެ ޓީމު ޑޮކްޓަރު މޯޓެން ބޮއެސަން ބުނެފައި ވަނީ އެރިކްސަން ފުރާނަ ސަލާމަތް ކުރުމުގައި މެޑިކަލް ޓީމް އެހިސާބަށް ދިއުމާ ހަމައަށް ޓީމުގެ ކުޅުންތެރިން ދިން އަވަސް ފަރުވާ ވަރަށް ބޮޑު ރޯލެއް އަދާ ކުރި ކަމަށެވެ. ޑޮކްޓަރު ވަނީ ހުރިހާ ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ.
ރޭގެ މެޗްގައި އެރިކްސަންއަށް ފަރުވާ ދިންއިރު ފުޓްބޯޅައިގެ ނަމޫނާއެއް ވަނީ ފެނިގެންގޮސްފައެވެ. މިގޮތުން އެރިކްސަންއަށް ފަރުވާ ދެމުން ދިޔަ ވަގުތު އިދިކޮޅު ޓީމްގެ ސަޕޯޓަރުން ވެސް ދިޔައީ އެރިކްސަންއަށް ސަޕޯޓް ކުރަމުންނެވެ.
އަދި އޭނާއަށް އިމަޖެންސީ ހާލަތުގައި އަވަސް ފަރުވާ ދެވެމުން ދިޔަ މަންޒަރު ފަރުދާ ކުރުމަށް ކުޅުންތެރިން އޭނާ ވަށައިގެން އެތުރުނު އެތުރުން ވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހޯދައިފައެވެ. އަދި އޭނާ ދަނޑުން ބޭލި ވަގުތުގައި އެރިކްސަން ގައިގައި އަޅަން އިދިކޮޅު ޓީމު ކަމަށްވާ ފިންލެންޑްގެ ސަޕޯޓަރުން އެ ޤައުމުގެ ދިދައެއް ދިނުމުން އެކަން ވެސް ގިނަ ބަޔެއްގެ ސަމާލު ކަމަށް ވަނީ އައިސްފައެވެ.
މީގެ އިތުރުން އެރިކްސަންގެ ލޯބިވެރިޔާ ގާތާށް ޑެންމާކްގެ ކުޅުންތެރިން ގޮސް ހިތްވަރު ދިނެވެ. މިގޮތުން ޞިއްޙީ ޚިދުމަތްތެރިންނަށާއި އޮފިޝަލުންނަށް އިތުބާރުކޮށް ދަނޑުގެ އެއްކަނެއްގައި ދުރުގައި މަޑުކޮށްލައިގެން ހުރި ސަބްރީނާއަށް ، ކެތް ކުރުމަށާއި ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް ނަސޭހަތް ދެމުން ދިޔައީ ޑެންކާމްގެ ކެޕްޓަނެވެ.
ޔުއެފާއިން ބުނެފައިވާ ގޮތުގައި އެރިކްސަންގެ ހާލު މިހާރު ރަނގަޅެވެ.