ކޫއްޑޫން މަސްކިރުވި 25 ދޯންޏެއްގެ ފަޅުވެރިން ކަރަންޓީނު ވާން އަންގައިފި
ކޫއްޑޫން މަސްކިރުވި 25 ދޯންޏެއްގެ ފަޅުވެރިން ކަރަންޓީނު ވާން އަންގައިފިއެވެ.
ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްއިން ހާމަކޮށްފައިވާ ގޮތުގައި ފައްސިވެފައި ވަނީ ކޫއްޑޫ "ރަންދި26" ނަމަކަށް ކިޔާ ބޯޓެއްގެ ފަޅުވެރިންނެވެ. އަދި އެ ބޯޓުން 4 ފަރާތެއް ފައްސިވެފައިވާ ކަމަށާއި, ބޯޓު ބަނދަރު ކުރި ރަށްތަކުގެ ތެރޭގައި ގދ. ގައްދޫއާއި ގއ. ކަނޑުހުޅުދޫ ހިމެނޭ ކަމަށް ވެސް ބުނެފައިވެއެވެ.
އަދި ފާއިތުވެދިޔަ ހަފްތާގައި އެ ބޯޓަށް މަސްކިރާފައިވާ ދޯނިފަހަރުތަކުން މިކަމަށް ސަލާމުވުމަށް ވެސް ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްއިން ވަނީ އެދިފައެވެ.
މީގެ އިތުރުން ރަންދި 26 އިން 10 މުވައްޒަފުން ކޯވިޑް 19 އަށް ފައްސިވުމާ ގުޅިގެން އެންމެންގެ ރައްކާތެރިކަމަށް ޓަކައި 25 ދޯނި ފަހަރުގެ ފަޅުވެރިން 14 ދުވަހަށް ކަރަންޓީނުވެ އަދި އެހެން އެއްވެސް ފަރާތަކާ ދިމާވެފައިވާ ނަމަ އެފަރާތް 7 ދުވަހަށް އެކަހެރިވުމަށް ވެސް ވަނީ އަންގައިފައެވެ. އަދި އެއްވެސް ފަރާތަކަށް ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ލަސް ނުކުރައްވާ ކަމާ ބެހޭ ފަރާތްތަކަށް އެންގެވުމަށެވެ.
މިކަމާ ގުޅިގެން ކޫއްޑޫ މިހާރު ވަނީ މޮނިޓަރިން ހާލަތަށް ލެވިފައެވެ. ކޫއްޑޫ މޮނީޓަރިންގ ހާލަތަށް ގެނެސްފައި ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. އެ ރަށް މޮނީޓަރިންގ ހާލަތަށް ގެނައިކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ( އެޗްޕީއޭ )އިން ވަނީ މިހާރު ކަމާ ބެހޭ އިދާރާތަކަށް ރަސްމީކޮށް އަންގާފައިއެވެ.
އެޗްޕީއޭއިން އެ ރަށް މޮނީޓަރިންގ ހާލަތަށް ގެނެސްފައިވާކަން އަންގައި ފޮނުވި ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ޓަކައި އެ ދެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު ކޫއްޑޫއަށް އެއްވެސް މީހަކު ފޭބުމާއި އެޗްޕީއޭގެ ހުއްދަ ނެތި އެރަށަށް އެއްވެސް މީހަކު އެރުމަކީ މަނާ ކަމެކެވެ.