ޚަބަރު

މާލެ ސަރަޙައްދުގެ ކާފިއު ވަގުތަށް ބަދަލު ގެނެސް ލުއި ދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން މާލެ ސަރަޙައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު ވަގުތު ހަވީރު 4:00 އިން އަނެއް ދުވަހުގެ ފަތިހު 4:00އަށް ބަދަލު ކޮށްފިއެވެ.

Ads by STELCO

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އާއި ރައީސް އޮފީސް ގުޅިގެން މިވަގުތު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ކާފިއުގެ ވަގުތު ހަވީރު 4:00އިން އަނެއް ދުވަހުގެ ހެނދުނު 8:00އަށް އޮތް އޮތުން، ހަވީރު 4:00އިން އަނެއް ދުވަހުގެ ފަތިހު 4:00އަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

މި ބަދަލުގެ އިތުރުން، އެކަނި ހުރެ ކުރާ ކަސްރަތު ކުރުމަށް ފަތިހު 4:00އިން ހެނދުނު 8:00އަށް ހުއްދައަކާ ނުލައި ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ދެވޭނެ ކަމަށާއި ނަމަވެސް ހެނދުނު 8:00އިން ހަވީރު 4:00އާ ދެމެދު މިހާރު ވެސް ބޭނުން ކުރާ ހުއްދައާ އެކު (ކޮންމެހެން ކުރަންޖެހޭ ކަންކަމަށް) ބޭރަށް ނިކުމެވޭނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން ފިހާރަތަކާ، ކެފޭ، ރެސްޓޯރަންޓްފަދަ ތަންތަން މިހާރެކޭ ވެސް އެއްގޮތަށް ޓޭކްއަވޭގެ ހިދުމަތް ދެވޭނެ ކަމަށާއި ހުއްދައާ އެކު ފިހާރަތަކަށް ގޮސް އެއްޗެހި ވެސް ގަނެވޭނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ކާފިއު ވަގުތު އިކޮނޮމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައާ އެކު ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!