ޚަބަރު

ރާއްޖޭގައި ގިނަ ވޭރިއެންޓްތަކެއް އެބަ ފެތުރޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19ގެ އިންޑިއާ ވޭރިއަންޓާއި އިނގިރޭސިވިލާތުގެ ވޭރިއަންޓުގެ އިތުރުން އެހެން ވޭރިއަންޓުތަކެއް ވެސް ރާއްޖޭގައި ފެތުރެމުންދާކަން ސަރުކާރުން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އާއި ރައީސް އޮފީސް ގުޅިގެން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ އެންމެ ފަހުން ރާއްޖެއިން ޓެސްޓް ހެދުމަށް ފޮނުވި 30 ސުންކެއްގެ ނަތީޖާ މިހާރު ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ދިވެހިންގެ ސުންކާއި ބޭރު މީހުންގެ ސުންކު ހިމެނޭ ކަމަށެވެ.

އެ ނަތީޖާތަކަށް ބަލާއިރު 20 އިންސައްތަ ސުންކުން ވަނީ "އަލްފާ ވޭރިއަންޓް" (އިނގިރޭސިވިލާތުގެ ވޭރިއަންޓު) ފެނިފައިވާ ކަމަށާއި އޭގެއިތުރުން 27 އިންސައްތަ ސުންކުން "ޑެލްޓާ ވޭރިއަންޓް" (އިންޑިއާ ވޭރިއަންޓް) ފެނިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑެލްޓާ ވޭރިއަންޓަކީ އިންޑިއާގައި އެންމެ ފަހުން ފެނިފައިވާ، ހަލުވިކަމާ އެކު ފެތުރެމުން ދިޔަ ވޭރިއަންޓެވެ.

މީގެއިތުރުން ޑރ. ނަޒްލާ ވިދާޅުވީ 13 އިންސައްތަ ސުންކުން "ޖީ ވޭރިއަންޓް" ފެނިފައިވާ ކަމަށާއި މީގެކުރިން ފޮނުވި ސުންކުތަކުން ގިނައިން ފެނިފައި ހުރީ މި ވައްތަރުގެ ވޭރިއަންޓު ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން 3 ވޭރިއަންޓެއް ވެސް ފެނިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެހެންވީމަ ރާއްޖޭގައި ވެސް ދަތުރުފަތުރުތައް ކުރިއަށް ދިޔުމާ ދިވެހިން ވެސް ދަތުރު ކުރުމާ އަދި އެހެނިހެން ގޮތްގޮތުން ވެސް ރާއްޖެއަށް މީހުން އައުމުގެ ތެރޭގައި، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން އަލަށް ތައާރަފްވާ ވޭރިއަންޓްތައް ފެތުރުމުގެ ފުރުސަތު އޮންނާނެ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިއަދު ބައްދަލުވުމުގައި ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ދުނިޔޭގެ ނިސްބަތުން އެންމެ ފަހުން އެންމެ ފާހަގަ ކުރެވުނު ދެ ވޭރިއަންޓު ވެސް ރާއްޖޭގެ ސުންކުތަކުގެ ތެރެއިން މިހާރު މިވަނީ ފެނިފައި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އާއި ގުޅިގެން ސީކުއެންސް ހުންނަ ސުންކުތައް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!