ކޫއްޑޫން އިތުރު ދެ މީހަކު ފައްސިވެއްޖެ
ކޫއްޑޫން އިތުރު 2 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްއިން މަޢުލޫމާތުދޭ ގޮތުގައި ފައްސިވެފައި ވަނީ ވަކި ތަރުތީބެއް ނެތި ރަށު ތެރެއިން ނެގުނު 2 ސުންކެއް ކަމަށެވެ. މިކަމާ ގުޅިގެން ފައްސިވި 2 ފަރާތް ކަރަންޓީނު ކުރެވި، ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ކޫއްޑޫން ބުނީ އެ ކުންފުނީގެ ވެސަލް، ރަންދި 26ގެ ހުރިހާ މުވައްޒަފުން ކޮވިޑް-19އަށް ފައްސިވެ އެ ބޯޓުގެ މުވައްޒަފުންނާ ސީދާކޮށް އެއްތާވި ކޫއްޑޫގެ ގިނަ މުވައްޒަފުންތަކެއް އެކަހެރި ކުރެވިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ކޫއްޑޫ ޖެޓީއިން މަސްވެރިންނަށް ހިދުމަތް ދިނުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ މިދަނޑިވަޅުގައި މަސްވެރިންގެ އެހީތެރިކަން ކޫއްޑޫއަށް ބޭނުންވާ ކަމަށް ވެސް ކޫއްޑޫން ބުނެފައި ވެއެވެ.
ކޫއްޑޫ "ރަންދި26" ނަމަކަށް ކިޔާ ބޯޓެއްގެ ފަޅުވެރިން ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން ކޫއްޑޫން މަސްކިރުވި 25 ދޯންޏެއްގެ ފަޅުވެރިން ކަރަންޓީނުވާން މިހާރު ވަނީ އަންގައިފިއެވެ.
އަދި އެންމެންގެ ރައްކާތެރިކަމަށް ޓަކައި އެ 25 ދޯނި ފަހަރުގެ ފަޅުވެރިން 14 ދުވަހަށް ކަރަންޓީނުވެ އަދި އެހެން އެއްވެސް ފަރާތަކާ ދިމާވެފައިވާ ނަމަ އެފަރާތް 7 ދުވަހަށް އެކަހެރިވުމަށް ވެސް ވަނީ އަންގައިފައެވެ. އަދި އެއްވެސް ފަރާތަކަށް ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ލަސް ނުކުރައްވައި ކަމާ ބެހޭ ފަރާތްތަކަށް އެންގެވުމަށް ކޫއްޑޫން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މިކަމާ ގުޅިގެން ކޫއްޑޫ މޮނިޓަރިން ހާލަތަށް ލެވިފައި ވަނީ ޖޫން 12 ގައެވެ.