މާލީ މަގާމުތަކުގައި ތިބެވޭނީ އިމްތިހާނެއް ފުރިހަމަ ކޮށްގެން
މާލީ ޒިންމާދާރު މަގާމުތަކުގައި ތިއްބެވޭނީ ފިނޭންސް މިނިސްޓްރީން ކަނޑައަަޅައި އިމްތިހާނެއް ފުރިހަމަ ކޮށްގެން ކަމުގައި ނިންމަވައިފިއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ ދައުލަތުގެ މާލިއްޔަތާ ގުޅުންހުރި މަސައްކަތްތަކާ ގުޅޭގޮތުން ދެވޭ އިމްތިހާނުތައް ދިނުމާ ގުޅޭ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް އެ މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، މާލީ ޒިންމާދާރުވެރިންގެ ޒިންމާ ހަވާލުކުރެވޭ ފަރާތްތަކަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، އެ ގަވައިދުގެ ދަށުން ހެދޭ އުސޫލުތައް އަދި މާލީކަންކަން ކުރިއަށް ގެންދެވޭ ގޮތްތައް އެނގި އޮޅުންފިލައިފައިވާ ފަރާތްތަކަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށެވެ.
އެގޮތުން، މާލީ ޒިންމާދާރު ވެރިން އަންޔަން ކުރުމުގެ ކުރިން އެ މިނިސްޓްރީން ކަނޑައަޅާ އިމްތިހާނެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކުރާގޮތަށް ވަނީ ނިންމައިފައިވާ ކަމަށް މިނިސްޓްރީން ނެރުއްވައިފައިވާ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މިގޮތަށް ހަމަޖެހުމާއި ގުޅިގެން،ދައުލަތުގެ އޮފީސްތަކުގެ މާލީ ޒިންމާދާރުވެރިންގެ ގޮތުގައި އައްޔަންކުރާ ފަރާތަކީ މި އިމްތިހާނުތައް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލު ކޮށްފައިވާ ފަރާތްތަކެއްކަމުގައި ވުން ކޮންމެހެން ލާޒިމެވެ.
މީގެ އިތުރުން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ދައުލަތުގެ އިދާރާތަކުގައި ތިއްބެވި މާލީ ޒިންމާދާރު ވެރިންނަށް މި އިމްތިހާނުތައް ފުރިހަމަ ކުރެވޭނެ ގޮތް ހެދުމަށް މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިކަމާގުޅޭ މަޢުލޫމާތު އޮފީސްތަކާ ހިއްސާކުރަމުން ގެންދެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެބަޔާނުގައި އިތުރަށް ވާ ގޮތުން މިހާރު މާލީ ޒިންމާދާރުވެރިންގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކުން އިމްތިހާނު 22 އޮގަސްޓުގެ ކުރިން ފުރިހަމަކޮށް ސެޓްފިކެޓް ހާސިލު ކޮށްފައިވާކަން އޮފީސްތަކުން ކަށަވަރު ކުރަން ޖެހެއެވެ.
މީގެއިތުރުން، މާލީ ކަންކަމާ ބެހޭ މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކުގެ ތެރެއިން މި އިމްތިހާނު ފުރިހަމަކުރަންޖެހޭ ފަރާތްތައް ކަނޑައަޅައި އެ ފަރާތްތައް 01 އޮކްޓޫބަރުގެ ކުރިން މި އިމްތިހާނު ފުރިހަމަކުރާ ގޮތަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.