Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮންމެ އެއްޗަކަށް އޯވަޑޯޒް ވިޔަސް އެކަން އެވީ ކަރެކްޝަންސްގެ އިހުމާލުން: އާއިލާ

ކޮންމެ އެއްޗަކަށް އޯވަޑޯޒް ވިޔަސް އެކަން އެވީ ކަރެކްޝަންސްގެ އިހުމާލުން: އާއިލާ
މާފުށީ ޖަލުން މާލެ ޖަލަށް ގެންދިޔަ ގައިދީއެއް އޯވާޑޯޒް ވެގެން ހާލު ދެރަވި މައްސަލައިގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދައްކާ ވާހަކަ ދިމާ ނުވާކަމަށް އެ ގައިދީގެ އާއިލާގެ ފަރާތުން ބުނެފިއެވެ. އާއިލާގެ ފަރާތުން "ދެން" އަށް މައުލޫމާތު ދެމުން އެ ގައިދީގެ ދައްތަ ބުނީ އޭނާގެ ކޮއްކޮ ބޭސްތަކެއް ކައިގެން އޯވާޑޯޒްވެގެން އައިޖީއެމްއެޗަށް ފަރުވާއަށް ގެނެސްފައިވާ ކަމަށް މިއަދު ފަތިހު އޭނާއަށް އެންގި ކަމަށެވެ. ނަމަވެސް މިރޭ ކަރެކްޝަނުން ގުޅައިފައި ބުނީ ކޮއްކޮ އޯވާޑޯޒްވެފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސްއަށް ކަމަށެވެ. "މިއަދު ފަތިހު ގުޅައިފައި އަޅުގަނޑު ކައިރީގައި ބުނި ކޮއްކޮ ބޭސްތަކެއް ކައިގެން އޯވަޑޯޒް ވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭ ކަމަށް. އަޅުގަނޑު އެހިން ކޮން އެއްޗަކަށްތޯ އޯވަޑޯޒް ވީ ބުނީ ބޭސްތަކެއް ކައިގެން ކަމަށް. ބުނި ތިމަންނާމެން ބޭސް ދެނީ ޑޯޒްތަކަށް ބަހާލައިގެންނޭ އެކަމަކު ހުރިހާ ބޭހެއް އެއްފަހަރާ ކާލީހެންނޭ ހީވަނީ. މިރޭ އަނެއްކާ ކަރެކްޝަނުން ގުޅައިފައި ބުނީ އޯވަޑޯޒްވެފައި ވަނީ ކެނަބިސް އަށޭ" ގައިދީގެ ދައްތަ ކިޔައިދިނެވެ. މީގެ އިތުރުން އޭނާ ބުނީ އޭނާގެ ކޮއްކޮއާއި ބައްދަލު ކުރަން އެދުމުން، ފުރަތަމަ އެކަން ނުވާނެކަމަށް ކަރެކްޝަނުން ބުނި ކަމަށާއި މައުލޫމާތު ސާފު ކުރުމުން ، އާއިލާއަށް ބައްދަލު ކުރެވޭނެކަން އެނގުނު ކަމަށެވެ. "އަޅުގަނޑު ފަހުން ކަރެކްޝަންސްގެ މެޑިކަލް ބަޔަށް ގުޅާފައި ބުނިން ބައްދަލު ކުރެވޭނެ ނޫންހޭ. ބުނީމަ ބުނީ ކަރެކްޝަންސްއަށް ގުޅަން. އެތަނަށް ގުޅީމަ ބުނީ އަނެއްކާ ވެސް މެޑިކަލް ބަޔަށް ގުޅަން. އެހެން ދެ ކޮޅަށް ގުޅާލަގުޅާލަ ހުންނަން ޖެހުމުން ސީދާ ޖަވާބެއް ދެއްވަން އެދުމުން ބުނީ ސިޓީއެއް ލާން. އަޅުގަނޑު ބުނިން މެއިލް ކޮށްލުން ފަސޭހަވާނެ ނޫންހޭ. ދެން އެގޮތަށް އެއްބަސް ވެގެން މެއިލް ކުރީ، ކޮއްކޮއާ ބައްދަލުކޮށްލަން ފުރުސަތު ދިނުމަށް" ގައިދީއާ ބައްދަލު ކުރުމަށް ކުރި މަސައްކަތްތަށް ކިޔައިދެމުން އޭނާގެ ދައްތަ ބުންޏެވެ. މީގެ އިތުރުން އޭނާ ބުނީ މެއިލަށް ޖަވާބު ނުލިބި ހުއްޓާ އޭނާގެ މަންމައާއި ބޭބެ ހޮސްޕިޓަލަށް ގަދަކަމުން ގޮސް ކޮއްކޮއާ ބައްދަލު ކުރިކަމަށެވެ. އަދި އޭނަގެ ކޮއްކޮގެ ހާލު ދެރަވެފައި އޮތްކަމަށް މަންމަ ބުނުމުން މިއަދު މެންދުރުފަހުގެ ވަގުތެއްގައި އޭނާ ވެސް ހޮސްޕިޓަލަށް ދިޔަ ކަމަށް ގައިދީގެ ދައްތަ ބުންޏެވެ. "ދިޔައިރު ކޮއްކޮގެ ދެ އަތް އޮތީ އައްސާފަ. ހީސް ހޮޅި ގުޅާފައި ނެޕީ ވެސް ޖަހާފައި، އޮކްސިޖެން ހޮޅި ވެސް ގުޅާފައި އޮތީ. މޭމަތީގައި އެއްޗެހިތަކެއް ތަތްކޮށްފައި ހުރީ. ހާޓްބީޓް ހުރީ 55 ގައި. ކޮއްކޮގެ އަތް އެއްސީ އޭނަގެ ހަށިގަނޑަށް ބާރުތަކެއް ލާތީ ކަމަށް ނަރުހުން ބުނި." އޭނަގެ ދައްތަ ބުންޏެވެ.
ކަރެކްޝަނުން ބުނީ ކޮއްކޮގެ ހާލު ސީރިއަސް ނޫން ކަމަށް އެކަމަކު އައިސީޔޫއަށް ލާން ޖެހޭ ކަމަށް. އަޅުގަނޑު ބުނިިން ތި ހީކުރަނީ އަޅުގަނޑަކީ މޮޔައެއް ކަމަށް ހެއްޔޭ؟ ހާލު ސީރިއަސް ނުވާއިރު އައިސީޔޫއަށް ލާން ޖެހެނީ ކީއްވެ ހެއްޔޭ
އުމުރުން 28 އަހަރުގެ އެ ގައިދީ އައިޖީއެމްއެޗްގެ އެމަޖެންސީގައި އޮތް އިރު އޭނާއާ ބައްދަލުކުރަން ދިޔުމުން، 10 ވަރަކަށް ފުލުހުން އޭނާ އެތަނުން ނެރެން ދިޔަކަމަށް ވެސް ގައިދީގެ ދައްތަ ކިޔައިދިނެވެ. "އެތަނުގައި އިންދާ ފެންނަނީ 10 ވަރަކަށް ފުލުހުން އަންނަ ތަން، އަންހެން ފުލުހުން ވެސް ތިބި. އަޅުގަނޑަށް އެ ހިސާބުން އެނގުނު އެއުޅެނީ އަޅުގަނޑު ނެރެންކަން. އެހެންވެ އަޅުގަނޑު ފޯނު ނަގައިފައި ފޭސްބުކް ލައިވް ހުޅުވިން އެކަމަކު ރިކޯޑު ކުރާކަށް ނުފަށަން. އެ ފުލުހުން ބުނި ލައިވް ޖައްސަނީއޭ. ފަހުން އަޅުގަނޑު ކައިރީ ބުނީ ރީތިކޮށް ސުލްހަވެރިކޮށް ހިނގާށޭ ވާހަކަ ދައްކައިގެން އެކަން ހައްލުކުރަން ބުނި 10 މިނެޓަށް އާއިލާގެ ފަހަރަކު މީހަކަށް ބައްދަލު ކުރެވިދާނެއޭ. އެކަމަށް އެއްބަސްވީން. އެކަމަކު އަޅުގަނޑު ގެއަށް އައި ފަހުން މަންމަ ބުނީ ކޮއްކޮއާ ބައްދަލު ކުރަން ދިޔުމުން ބައްދަލު ނުވި ކަމަށް. ކަރެކްޝަންސްއިން އެ މެއިލްގެ ޖަވާބުގައި ވެސް ބުނި ހުއްދަ ދިން ކަމަށް. އެކަމަކު ފަހުން އަޅުގަނޑު ގުޅާފައި އެހީމަ ބުނީ އަޅުގަނޑު ފޭސްބުކް ލައިވް ކުރީމަ ހުއްދަ ބާތިލުވީ ކަމަށް. އަޅުގަނޑު ބުނިން ލައިވްއެއް ނުވެސް ކުރަމޭ ތި ޒާތީވީ ނޫންހޭ" ގައިދީގެ ދައްތަ ކިޔައިދިނެވެ. އެ ގައިދީގެ އިތުރަށް ބުނީ ކޮންމެ އެއްޗަކަށް އޭނާގެ ކޮއްކޮ އޯވާޑޯޒް ވިޔަސް، އޯވަޑޯޒްވެފައި އެވަނީ ކަރެކްޝަންސްގެ އިހުމާލުން ކަމަށާއި ކަރެކްޝަންސްއިން ދައްކާ ވާހަކަ ދިމާ ނުވާ ކަމަށެވެ. އަދި އޭނާގެ ކޮއްކޮ މަރަށް ތެޅޭ އިރު އާއިލާއަށް ބައްދަލު ނުކުރެވޭތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް