ތިނަދޫން އިތުރު 21 މީހުން ކޮވިޑް-19 އަށް ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 451 އަށް
ގދ. ތިނަދޫން އިތުރު 21 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ތިނަދޫން މިހާރު 451 މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. އެރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 196 މީހުން އެބަތިއްބެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑަށް ޓެސްޓު ކުރުމަށް ނެގި ސުންކުތަކުގެ ތެރެއިން ނަތީޖާ ނުލިބި 119 ސުންކެއް ވެއެވެ.
މި ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން 255 މީހުން ތިނަދޫން ވަނީ ފަސޭހަވެފައެވެ.
އޭޕްރީލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މީހަކާ އެއްތާވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ އެކު ތިނަދޫ ވަނީ މޮނީޓަރިން ހާލަތަށް ގެނެވިފައެވެ.
ތިނަދޫ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދިކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ.
ތިނަދޫގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވުމާ ގުޅިގެން އެ ރަށުގައި ވެސް މިވަގުތު ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި ތިނަދޫގެ ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ކޮންޓްރޯލް ކުރުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި އެރަށުގައި މިހާރު ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރެވިފައެވެ.
އެގޮތުން އެ ރަށުގައި ކާފިއު ގަޑި ނޫން ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުންގެ ޕޯޓަލްއިން ހުއްދަ ހޯދައިގެންނެވެ. އަދި ޒަރޫރީ ބޭނުންތަކަށް ބޭރަށް ދިއުމަށް ޓަކައި ކޮންމެ ގެއަކަށް "ހައުސް ހޯލްޑް" ފާހެއް ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.