ދުނިޔެ

އިރާންގެ އުއްތަމަ ފަނޑިޔާރުކަމުން އެ ގައުމުގެ ރައީސް ކަމަށް ރައީސީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އީރާނުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެެއްވި ހުރިހާ ބޭފުޅުންގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯއްދަވައި އީރާންގެ ރައީސްގެ މަޤާމަށް އިބްރާހިމް ރައީސީ އިންތިޚާބުވެ ވަޑައިގެންފިއެވެ

Ads by Sosun Fihaara

ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސީއަށް ވަނީ 17.8 މިލިޔަން ވޯޓް ލިބިވަޑައިގެންފައެވެ. އެއީ ވޯޓް ލީ މީހުންގެ 62 އިންސައްތައެވެ.އޭނާ އާ ގާތުން ވާދަ ކުރި އީރާނުގެ އެކްސްޕީޑިއަންސީ ކައުންސިލްގެ އިސްވެރިޔާ މުޙްސިން ރިޒާއީއަށް ލިބިވަޑައިގެންފައި ވަނީ 3.3 މިލިޔަން ވޯޓެވެ. އަދި އީރާނުގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު ޢަބްދުއްނާޞިރު ހިންމަތީއަށް ލިބިވަޑައިގަތީ 2.4 މިލިޔަން ވޯޓެވެ. އަދި  އިންތިޚާބުގައި އެންމެ މަދު ވޯޓް ލިބިވަޑައިގަތް އާމީރު ޙުސައިން ގަޒީޒަދާހު ހާޝިމީއަށް ލިބިވަޑައިގަތީ އެއް މިލިޔަނެއްހާ ވޯޓެވެ. އިންތިޚާބުގައި ދެން ވާދަކުރެއްވި ތިން ކެނޑިޑޭޓުން ވަނީ ވޯޓުލުމުގެ ކުރިން ނަން އަނބުރައި ގެންގޮސް ރައީސީއަށް ތާޢީދުކުރާކަން އިޢުލާންކޮށްފައެވެ.

އީރާންގެ އިންތިޚާބު ރައީސީ ކާމިޔާބު ކުރެއްވި ނަމަވެސް، މިއީ 1979 ވަނަ އަހަރުން ފެށިގެން އީރާންގައި އެންމެ މަދުން މީހުން ވޯޓްލި އިންތިޚާބުކަން ފާހަގަކޮށްލެވެއެވެ. މި އިންތިޚާބުގައި ޖުމްލަ 28 މިލިޔަން ވޯޓް ލައިފައިވާއިރު، އެޤައުމުގައި ވޯޓްލުމުގެ ޙައްޤު ލިބިފައިވާ 59 މިލިޔަން މީހުން ދިރިއުޅެއެވެ.

ރައީސް ކަމަށް ރައީސީ އިންތިޚާބު ވުމުން އީރާންގެ މިހާރުގެ ރައީސް ޙަސަން ރޫޙާނީ ވަނީ އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.

އުމުރުން މިހާރު 60 އަހަރުގެ ރައީސީގެ ހަޔާތުގެ ބޮޑުބައި ހޭދަ ކުރެއްވީ ފަނޑިޔާރުކަން ކުރެއްވުމުގައެވެ. ރައީސީއަކީ ދީނީ ތަޢުލީމާއި ޤާނޫނީ ދާއިރާއިން ތަޢުލީމު ހޯއްދަވައިފައިވާ ބޭފުޅެކެވެ. 2017 ވަނަ އަހަރު ވެސް ރިޔާސީ އިންތިޚާބުގައި ރައީސީ ވާދަ ކުރެއްވިއެވެ. އެފަހަރު އޭނާއަށް ލިބިވަޑައިގަތީ ވޯޓްގެ 38 އިންސައްތައެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ރައީސީ ވަނީ އީރާންގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އައްޔަން ކުރައްވައިފައެވެ. އެއާ އެކު ވައްކަމާ ކޮރެޕްޝަނާ ދެކޮޅަށް އެމަނިކުފާނު އިސްވެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. 1988 ވަނަ އަހަރު އީރާންގައި ކުށްވެރިން މެރުމުގައި އިސް ދައުރެއް އަދާކުރި ކަމަށް ބުނެ އެމެރިކާއިން ވަނީ އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅައިފައެވެ. މި ތުހުމަތުތަކާ ގުޅިގެން ރައީސީ މިހާތަނަށް ރަސްމީ ސިފައެއްގައި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!