އޯވަޑޯޒް ވެގެން ފަރުވާ ހޯދަމުންދާ ގައިދީ ހޮސްޕިޓަލުގައި އޮވެގެން "މޮޔަ ގޮވާ" ކަމަށް އާއިލާއިން ބުނެފި
މާފުށީ ޖަލުން މާލެ ޖަލަށް ގެންދިޔަ ގައިދީއަކަށް މި މަހުގެ 19 ވަނަ ދުވަހު އޯވަޑޯޒް ވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު، ހޮސްޕިޓަލުގައި އޮވެގެން އެ ގައިދީ "މޮޔަ ގޮވާ" ކަމަށް އޭނާގެ އާއިލާ އިން ބުނެފިއެވެ.
ނަން ހާމަ ނުކުރުމަށް އެދި "ދެން"އަށް މައުލޫމާތު ދެމުން އެ އާއިލާ މީހަކު ބުނީ، އޭނާ ގާތު ނިދާށޭ ހޮސްޕިޓަލުގައި ތިބި މީހުން ބުނި ކަމަށާއި އެކަމަކު ނިދަން ލޯ މަރައިލީމައި ފާޑުފާޑުގެ އަޑުތައް އިވެމުންދާ ކަމަށް އޭނާ ބުނާ ކަމަށެވެ.
"އިއްޔެ އޭނަ ބުނި، ތިމަންނާ ކައިރީގައި އެ މީހުން ބުނަނީއޭ ނިދާށޭ. އެކަމަކު ނިދާނީ ކިހިނެއް ހެއްޔޭ. ނިދަން ލޯ މަރާލީމަ އަޑު އިވެނީއޭ އެ މީހުން ބުނާ އަޑު 'މިގޮތަށް ބާއްވައިފައި މޮޔަ ގަޅުވައިލައިފައި މަރާލަންވީއޭ'. އެ އަޑު އިވޭ ކަމަށް ބުނެ ބިރުން ހުރީ. ބުނީ ފިރިހެން އަޑުންނާއި އަންހެން އަޑުން އެހެން ބުނާ އަޑޯ އިވެނީ. ދެން ބުނީ އެއީ މާފުށީ ޖަލުގައި ތިބޭ ޑިއުޓީ އޮފިސަރުންގެ ބަސްމަގު އާންމުކޮށް ހުންނަ ގޮތޭ. އިއްޔެ އެ އަޑުތައް އިވުނަސް ރޭގައި ނުއިވޭ ކަމަށާއި ރޭގައި ރަނގަޅަށް ނިދުނު ކަމަށް ވެސް ބުނި" އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.
ގައިދީގެ މިހާރުގެ ބަލި ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިން މީހާ ބުނީ މިއަދު އޮތީ ހޮޅިތައް ނައްޓައިލައިފައި ކަމަށާއި ހޮޅި ނެއްޓި ފަހުން ރޭގައި ފާޚާނާއަށް ގޮސް ކުޑަކަމުދިޔައިރު ލޭ ހުރި ކަމަށާއި މިއަދު ވެސް އެއް ފަހަރު ލޭ ހުރި ކަމަށް ގައިދީ ބުނި ކަމަށެވެ.
"އޭނަ ބުނި އޯވަޑޯޒް ވާން ތިމަންނާ ދިޔާ ބޭސް ފުޅިއެއް އެއްކޮށޭ ބޯލީ. އެއީ ނޭވާ ހިއްލާތީއޭ ކިޔާފައި ހޯދި ބޭހެއް ކަމަށާއި އޭނާ ނޭވާ ނުހިއްލާކަން ޖަލު ބަލަހައްޓާ މީހުންނަށް އެނގޭނެ ކަމަށް ވެސް ބުނި" މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ގައިދީ އޯވަޑޯޒްވުމާ ގުޅޭ ގޮތުން ކަރެކްޝަންސް އިން މީގެ ކުރިން ވިދާޅުވެފައި ވަނީ، އޭނާ އޯވަޑޯޒް ވީ ބޭހަކަށް ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް ޑޮކްޓަރުން އެއިރު އެކަން ޔަގީންކޮށް ނުދެއްވާ ކަމަށެވެ ނަމަވެސް އާއިލާގެ ފަރާތުން މީގެ ކުރިން "ދެން"އަށް މައުލޫމާތު ދިން މީހަކު ބުނީ، ގައިދީ އޯވަޑޯޒް ވެފައިވަނީ ކެނަބިސްއަށް ކަމަށް ކަރެކްޝަންސުން އޭނާ ގާތު އެރޭ ވިދާޅުވި ކަމަށެވެ.