ފުޓްބޯޅަ

ވޯލްޑްކަޕް ބަލަން ވަދެވޭނީ ހަމައެކަނި ވެކްސިން ޖަހައިފައި ތިބޭ މީހުންނަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ބަލަން ވަދެވެނީ، ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ޖަހައިފައި ތިބި މީހުންނަށް އެކަނި ކަމަށް ޤަތަރުގެ ބޮޑު ވަޒީރު ޚާލިދު ބިން ޚާލިފާ ބިން ޢަބްދުލްއަޒީޒް އަލްޘާނީ ވިދާޅުވެއްޖެއެވެ.

Ads by STELCO

އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ ފޯރިގަދަ ވޯލްޑްކަޕްގެ މެޗުތައް އޮންނާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. ޤަތަރުގައި މިފަހަރުގެ ވޯލްޑްކަޕް މެޗުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ މެޗުތައް އޮންނާނީ ފުލް ސްޓޭޑިއަމްތަކުގައި ކަމަށް ފީފާއިން ވަނީ ބުނެފައެވެ.

ޤަތަރުގެ ބޮޑު ވަޒީރު މިއަދު ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވޯލްޑްކަޕް ފެށޭ ދުވަސް ކައިރިވުމުގެ ކުރިން މި މުބާރާތުގައި ބައިވެރިވާ ހުރިހާ ޤައުމަކުން ވެސް ތިބޭނީ ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖަހައިގެން ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ޤަތަރުން ވެސް ރައްކާތެރި މުބާރާތެއް ބޭއްވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ވެސް ބޮޑު ވަޒީރު ޚާލިދު ވިދާޅުވިއެވެ.

"ކޮވިޑް-19 އިން ރައްކާތެރިވުމަށާއި ޤަތަރަށް އަންނަ މީހުން ވެސް ރައްކާތެރިކޮށް ބެހެއްޓުމަށް، ވެކްސިންގެ އެއް މިލިއަން ޑޯޒް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުމަށް މިހާރު ވެސް މިދަނީ ކުންފުންޏަކާ ވާހަކަ ދައްކަމުން" ބޮޑު ވަޒީރު ވިދާޅުވެފައިވެއެވެ.

ވޯލްޑްކަޕްއާ ދިމާކޮށް ވެކްސިންގެ އެއް މިލިއަން ޑޯޒް ގެނައުމުގެ އިންތިޒާމު ހަމަޖައްސަމުން ދާ ކަމަށް ބޮޑުވަޒީރު ވިދާޅުވެފައިވީ ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ދެއްވާފައެއް ނުވެއެވެ. އެގޮތުން ޤަތަރަށް ގެންދަނީ ކޮވިޑް-19އިން ދިފާއުވުމަށް ކޮން ކަހަލަ ވެކްސިނެއް ކަމާއި ދެ ޑޯޒަށް ބަހައިލައިގެން މި ވެކްސިން ދޭއިރު، ވެކްސިން ބަހައިލާނީ ކޮން ގޮތަކަށް ކަމެއް ވެސް އަދި ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް މިހައިތަނަށް އެ ޤައުމުގައި ޖަހަމުން އައިސްފައި ވަނީ ފައިޒާ ބަޔޯއެންޓެކް ވެކްސިނާއި މޮޑާނާ ވެކްސިނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!