ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަޙައްދަށް ވަދެ އުޅުނު މަސް ބޯޓެއް އަތުލައިގެންފި
ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވާގޮތުގައި މި މަސްބޯޓު ފެނިފައި ވަނީ ލ.އަތޮޅުގެ އިރުން 45 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުން "ސީލައިން-03" ނަމަކަށް ކިޔާ ދޯންޏަށެވެ.
މި މަސް ބޯޓު ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި، މި ބޯޓު ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެވިފައި ވަނީ، ލ.އަތޮޅުގެ އިރުން 139 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި މި ބޯޓު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންދިޔައިރު ބޯޓުގައި ފަސް ފަޅުވެރިން ތިބިކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ 15:21 ގައިކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.