ޚަބަރު

"ހަބަރު ގެނެސްދިނުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑާ ޚިލާފުވެއްޖެނަމަ ފިޔަވަޅު އަޅާނަން"

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރަހީނުކުރުމަށް ފަހު މަރައިލައި އެއްލައިލައިފައި އޮއްވާ ރޭ ދަންވަރު ފެނުނު ކުޑަކުއްޖާގެ މައްސަލައިގައި ހަބަރު ގެެނެސްދޭ އިރު ކުއްޖާގެ ފޮޓޯއާއި ޒާތީ މައުލޫމާތު ހާމަކޮށް ބައެއް މީޑިޔާތަކުން ހަބަރު ފަތުރާފައިވާތީ އެކަން ކުށްވެރިކޮށް ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރު ޝާއިޢު ކުރުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކާ ޚިލާފަށް އަމަލުކުރާ މީޑިޔާތަކާ  މެދު ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ރަހީނުކޮށް މަރައިލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މައްސަލާގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ވަނީ ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޝާއިޢުކޮށްފައިވާ ބައެއް ޚަބަރުތަކަކީ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ މަޢުލޫމާތު ޝާއިޢު ކުރުމުގައި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާން ކުރާ އުސޫލު އަދި ކުޑަކުދިންނާ ގުޅޭ ޚަބަރާ މަޢުލޫމާތު ހާމަކުރުމުގެ ގައިޑްލައިންތަކާ ޚިލާފަށް ޝާއިޢުކޮށްފައިވާ ޚަބަރުތަކެއް ކަމަށެވެ.

މީގެ އިތުރުން އެކުއްޖާގެ ފޮޓޯއާއި ނަން އަދި އިތުރު ޒާތީ މައުލޫމާތު ބޭނުންކޮށް އަދި  ޞައްޙަ ނޫން މަޢުލޫމާތު ބޭނުންކުރުން ފަދަ ކަންކަން އެކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.
ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގެ ހަބަރުތައް ގެނެސްދިނުމުގައި އަމަލު ކުރަންޖެހޭ މިންގަނޑެއް ކަނޑައަޅާފައިވާއިރު، އެމިންގަނޑަށް އަމަލުނުކުރާ މީޑިޔާތަކާ މެދު ފިޔަވަޅު އަޅާނެކަމަށް ވެސް މީޑިޔާ ކައުންސިލްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެެ. އަދި ކުޑަކުއްޖާ ރަހީނުކޮށް މަރައިލައިފައި އޮއްވާ ފެނުމާ ގުޅިގެން ގެނެސްދޭ ޚަބަރުތަކަކީ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި މަޢުލޫމާތު ޝާއިޢު ކުރުމުގައި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަން ޖެހޭ ހަމަތަކާއި މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ހުރިހާ މީޑިއާތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!