މާލެއިން އިއްޔެ ފައްސިވީ 35 މީހުން ކަމަށް ބުނެވުނީ އޮޅިގެން: ޑރ. ނަޒްލާ
ކޮވިޑް-19އަށް މާލެ ސަރަހައްދުން އިއްޔެ ފައްސިވީ 35 މީހުން ކަމަށް ބުނެވުނީ އޮޅިގެން ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
މިރޭ އެޗްއީއޯސީން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މާލެ ސަރަހައްދުން އިއްޔެ ޕޮޒިޓިވްވީ 35 މީހުން ކަމަށް ބުނެވުނީ އޮޅިގެން ކަމަށެވެ. ރަނގަޅު ނަންބަރަކީ 84 އެވެ.
“އިއްޔެ މާލެ ސަރަހައްދުން ފައްސިވީ 35 މީހުން ކަމަށް ބުނެވިފަ ވާނެ. އެހެން ބުނެވުނީ އޮޅިގެން. ރަނގަޅު އަދަދަކީ 84 މީހުން “ޑރ. ނަޒްލާ ވިދާޅުވިއެވެ.
ރާއްޖެއިން އިއްޔެ ކޮވިޑް-19 އަށް ފައްސިވީ 253 މީހުންނެވެ. ރޭ އެޗްޕީއޭއިން އާންމުކުރި ހިސާބުތަކުން ދައްކައި ގޮތުގައި އިއްޔެ އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 164 މީހުންނެވެ. އަދި މާލެއިން ފައްސިވީ 35 މީހުންނެވެ. މީގެ އިތުރުން ހިންގަމުން އަންނަ ރިސޯޓުތަކުން 3 މީހުން ފައްސި ވެފައިވާ ކަމަށާއި ތަރައްގީ ކުރަމުން އަންނަ ރަށްތަކުން 43 މީހުންނާއި އިންޑަސްޓްރިއަލް އައިލެންޑުން 8 މީހަކު މި ބައްޔަށް ފައްސި ވެފައިވާކަމަށް ވެސް އެޗްޕީއޭއިން އިއްޔެ އާންމުކުރި ހިސާބުތަކުން ދައްކައެވެ.