ޚަބަރު

މިސްކިތްތަކުގެ މަތިވެރިކަން ބަޔާންކޮށް ވަރުގަދަ ކެމްޕޭނެއް ހިންގުމަށް ޑރ. ޝަހީމް ގޮވައިލައްވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ:އަވަސް

މިސްކިތްތަކުގެ މަތިވެރިކަން ބަޔާންކޮށް ކުޑަކުދީންނާއި ޒުވާނުންނާއި މުޅި މުޖުތަމަޢު ހޭލުންތެރިކުރުމުގެ ވަރުގަދަ ކެމްޕޭނެއް ހިންގުމަށް ރާއްޖޭގެ ކައުންސިލްތަކާއި ސޯޝަލްމީޑިއާ އެކްޓްވިސްޓުންނާއި ޖަމިއްޔާ ޖަމާޢަތްތަކާއި ނޫސްވެރިންނާއި ނޫސްތަކާއި ޗެނަލްތަކުގެ ކިބައިން ޑރ. މުހަައްމަދު ޝަހީމް އަލީ ސައީދު އެދިވަޑަައިގަންނަވައިފިއެވެ.

Ads by STELCO

ހުޅުމާލޭގައި ހުންނަ މިސްކިތެއްގައި ދެ މީހަކު މާރާމާރީ ހިންގައި ހަޑިހުތުރުބަހުން ވާހަކަ ދެއްކި މައްސަލައެއް ފެންމަތިވެފައިވާ މިދަނޑިވަޅުގައި ޑރ.ޝަހީމް ވިދާޅުވީ މިސްކިތްތަކުގައި މާރާމާރީ ހިންގައި މަސްތުވާތަކެތި ބޭނުންކޮށް މުންކަރާތްތަކާއި ނޭދެވޭ ޢަމަލުތައް ހިންގުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

"މިސްކިތްތަކުގައި މާރާމާރީ ހިންގައި މަސްތުވާތަކެތި ބޭނުންކޮށް މުންކަރާތްތަކާއި ނޭދެވޭ ޢަމަލުތައް ހިންގުމަކީ އެއްވެސް މުސްލިމަކު ކޮށްގެން ވާނެ ކަމެއް ނޫން.މިސްކިތްތަކަކީ ﷲގެ މަތިން ހަނދުމަ ކުރުމަށާއި އަޅުކަންކުރުމަށް ޓަކައި މި ބިންމަތީގައި ލައްވައިފައިވާ ﷲގެ ގެކޮޅުތައް، އެތަންތަނުގެ ޙުރުމަތާއި ޤަދަރު ކޮންމެ މުސްލިމަކު ދަމަހައްޓަން ޖެހޭ." ޑރ. ޝަހީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރޭ މިސްކިތުގައި ހިންގި މާރާމާރީގައި އެކަކަށް ކުދި އަނިޔާ ލިބިފައިވާ ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް ކުށްކުރާ މީހުން ކުށްކުރުމަށް މިސްކިތުގެ ބޭނުން ކޮށް މަސްތުވެގެން ހުރެ މިސްކިތަށް އަރާ މައްސަލަތައް ގިނައެވެ. އަދި މިފަދަ މައްސަލަތަކުގައި މީހުން ހައްޔަރު ވެސް ކޮށްފައިވެއެވެ.

މިސްކިތްތަކުގައި މަސްތުވެ، އެއްޗެހި ދޮވެ އަދި ނިދުން ފަދަ މިސްކިތް ބޭނުން ކުރުން އެކަށޭނަ ނޫން އެހެން ކަންކަމުގައި މިސްކިތް ބޭނުން ކުރާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ފުލުހުންނަށް ލިބެމުންދާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!