ޚަބަރު

"އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށަހަޅައިފައިވާ ހުރިހާ ފޯމެއް މިހާރު ޕްރޮސެސްކޮށް ނިމިއްޖެ"

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޯވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، އަދި ވިޔަފާރިތައް ހުއްޓި އާމްދަނީއަށް އަސަރުކުރުމާ ގުޅިގެން، އެފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ދޭން ފެށި އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށަހަޅައިފައިވާ ހުރިހާ ފޯމެއް މިހާރު ޕްރޮސެސްކޮށް ނިމިފައިވާ ކަމަށް ޖޮބް ސެންޓަރުން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތިން ފިޔަވައްސަކަށް ބަހައިލައިގެން ޑިސެމްބަރުމަހުގެ ނިޔަލަށް ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދީފައެވެ. މިގޮތުން، އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 22،945 މީހަކަށް 421 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މި އެލަވަންސަށް އެދިފައިވާ މީހުންގެ ތެރެއިން 7400އަށް ވުރެ ގިނަ މީހުންނަކީ 21 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރު ފުރައިގެ މީހުންކަމަށް ޖޮބް ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހެއެވެ. މީގެ އިތުރުން އިންކަމް ސަޕޯޓަށް ހުށައަޅާ ފަރާތަކީ މުސާރަ އުނިކޮށްފައިވާ މީހެއް ނަމަ އަދި މުސާރަ އުނި ކުރުމުން 5000 ރުފިޔާއިން ދަށް ލިބޭ ނަމަ އިނާޔަތުގެ ގޮތުގައި ފައިސާ ލިބޭނީ 5000 ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެކެވެ.

އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށަހަޅައިފައިވާ ހުރިހާ ފޯމްތައް ޕްރޮސެސްކޮށް ނިމިފައިވީ ނަމަވެސް، ޝަކުވާތައް ބަަލައިގަންނަމުންދާ ކަމަށާއި، މައްސަލައެއް އުޅޭ ނަމަ އެކަންތައްތައް ރަނގަޅު ކުރުމުގެ ފުރުސަތު އަދިވެސް ހުޅުވައިލެވިފައިވާ ކަމަށް ޖޮބް ސެންްޓަރުން ވިދާޅުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!