މި މަހު ކަރަންޓު ބިލު އަންނާނީ ޑިސްކައުންޓާ އެކު: އެމްޑީ މުޣުނީ
މިޖޫން މަހުގެ ކަރަންޓް ބިލް އަންނާނީ ކޮވިޑް19 ޑިސްކަައުންޓާ އެކުގައި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުޣުނީ ވިދާޅުވީ ޖޫން މަހުގެ ބިލް އަންނާނީ ޖުލައިމަހު ކަމަށާއި އެބިލް އަންނައިރު ކޮވިޑް19 ޑިސްކައުންޓްގެ ގޮތުގައި 40 އިންސައްތަ ކޮންމެ ގޭބީސީއަކަށް ވެސް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން އެ ކުންފުނިން ފެނުގެ ހިދުމަތް ދޭ ރަށްރަށުގައި ފެން ބިލުން ވެސް 30 އިންސައްތަ ޑިސްކަައުންޓް ލިބޭނެކަމަށް ވިދާޅުވިއެވެ.
ހަމައެހެންމެ ވިޔަފާރިތަކަށް ވެސް ސަރުކާރުން ނިންމައިފައިވާ އުސޫލުގެ ދަށުން ކަރަންޓު ބިލުން ޑިސްކައުންޓް ލިބޭނެކަމަށާއި ނަމަވެސް ގޭބީސީތަކާ ހިލާފަށް ވިޔަފާރިތަކަށް ޑިސްކައުންޓް ލިބޭނީ މިދިޔަ އޭޕްރީލް މަހުގެ ބިލަށް ކަމަށާއި، އޭޕްރިލްމަހުގެ ކަރަންޓްބިލް ކުރިން ދައްކައިފައިވާ ފަރާތްތަކުގެ ޑިިސްކައުންޓަށްވާ ފައިސާ ކްރެޑިޓްވެގެން ދާނެކަމަށް ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.
“ޖޫން މަހުގައި ބިލް އަންނަ އިރު ގޭބީސީތަކަށް ލިބިގެންދާނެ ސަރުކާރުން ނިންމަވާފައިވާގޮތަށް 40 ޕަސެންޓްގެ ޑިސްކައުންޓެއް ދެން ބިލުގެ ލައިން އައިޓަމެއްގެ ގޮތުގައި އިންނާނެ ކޮވިޑް19 ޑިސްކައުންޓު ޖަހާފައި 40 ޕަސެންޓް ކަރަންޓު ބިލުން. އަޅުގަނޑުމެން ފެނުގެ ހިދުމަތް ދޭ ރަށް ރަށުގައި އިންނާނެ ފެންބިލުގައި 30 ޕަސެންޓް. ސަރުކާރުން ކަނޑައަޅާފައި އެހެންވީމަ 30 ޕަސެންޓް ލިބޭނެ. ހަމަ އެޔާއެކު ވިޔަފާރިތަކަށް ލިބިގެންދާނެ 20 ޕަސެންޓުގެ ޑިސްކައުންޓެއް. އެއީ އޭޕްރިލް މަހުގެ ބިލުން އެހެންވީމަ ވިފާރިތަކަށް މިލިބެނީ އޭޕްރިލް މަހުގެ ބިލަށް ޑިސްކައުންޓް. އެހެންވީމަ އެބޭފުޅުން އެބިލް ދައްކާފައިވާ ނަމަ ހަމަ އެއަދަދު ކްރެޑިޓް ވެގެންދާނެ." ހަބަރަށް ފަހު ޕްރޮގްރާމްގައި މުޣުނީ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މުޣުނީ ވިދާޅުވީ މިދިޔަ އަހަރު ކޮވިޑް19ގައި ޑިސްކައުންޓު ދިންއިރު ވިޔަފާރިތަކަށް ޑިސްކައުންޓް ދީފައި ނުވާ ކަމަށާއި މި އަހަރު ވިޔަފާރިތަކަށް ވެސް ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމުން އެއީ ރައްޔިތުންނަށް ހާއްސަ ކޮށް ކުދި ވިޔަފާރިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށެވެ.
މުޣްނީ ވިދާޅުވީ ހޫނު މޫސުމުގައި ކަރަންޓް ބިލު ބޮޑުވަނީ ހޫނުވުމުގެ ސަބަބުން ބޭނުން ކުރާ އިކުއިޕްމެންޓް ގިނަވުމުން ކަމަށާއި އެހެންވުމުން އެއިއުކްޕްމެންޓަށް ބޭނުންކުރާ ހަކަތަ އިތުރުވާކަމަށެވެ. އެހެންކަމުން ހޫނު މޫސުމުގައި ކަރަންޓް ބޭނުންކުރުމުގައި ސަމާލުވުމަށް މުޣުނީ ވަނީ އެދިވަޑައިގަންނަވައިފައެވެ.