ޚަބަރު

އިންޑިއާއިން އަލަށް ފެނުނު ވޭރިއަންޓާ އެކު މުޅި ދުނިޔެއަށް އިތުރު ހާސްކަން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިންޑިއާއިން ފެނުނު ، "ޑެލްޓާ ޕްލަސް"ގެ ނަން ދީފައިވާ އައު ވައްތަރުގެ ކޮވިޑް-19 ވޭރިއަންޓްގެ ސަބަބުން އިންޑިއާގައި ކޮވިޑް-19 ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އިތުރުވެ، ހާސްކަން އިތުރުވެއްޖެއެވެ،

Ads by Hajj Corporation

މަހަރާޝްތްރާ ސްޓޭޓްގެ ފެޑްރަލް ހެލްތުން ހާމަކޮށްފައިވާ ގޮތުގައި އެ ސްޓޭޓުން މި ވޭރިއަންޓްގެ 16 ވޭދަނަ މިހާތަނަށް ވަނީ ފެނިފައެވެ. މީގެ އިތުރުން އިތުރު ދެ ސްޓޭޓަކުން މިޒާތުގެ ވޭރިއަންޓް ފެނިފައިވާކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އެއީ، ކެރެލާ އަދި މަދްޔަ ޕްރަދޭޝްގައެވެ،

މަހަރާޝްތްރާ ސްޓޭޓްގެ ފެޑްރަލް ހެލްތު ސެކްރެޓަރީީ ރަޖޭޝް ބުޝާން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މި ބާވަތުގެ ކޮވިޑް ވައިރަސް، ފެތުރޭ މިންވަރު، ކޮވިޑް ވައިރަހުގެ އެހެން ބާވަތްތަކަށް ވުރެ މާ ބޮޑު ކަމަށެވެ. މިހެންކަމުން ކޮވިޑް-19 އަށް ޓެސްޓް ކުރާ މިންވަރު އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ،

"މި ވައިރަސްގެ ތިން ސިފައެއް ފާހަގަ ކުރެވޭ. ފުރަތަމަ ކަމަކީ މި ބާވަތުގެ ވައިރަސް ފެތުރޭ މިންވަރު މަތިވުން. ދެ ވަނަ ކަމަކީ ފުއްޕާމޭގެ ސެލްތަކުގައި ތަތްވެ ގަންނަ މިންވަރު އެހެން ބާވަތްތަކަށް ވުރެ މަތިވުން. އަދި ތިންވަނަ ކަމަކީ، އެންޓިބޮޑީތަކަށް އިޖާބަދޭ މިންވަރު ދަށްވުން" ސެކްރެޓަރީީ ރަޖޭޝް ވިދާޅުވިއެވެ.

ޑެލްޓާ ޕްލަސް ވައިރަހަކީ އިންޑިއާގައި މިއަހަރު ކުރީކޮޅު ފެތުރެން ފެށި ޑެލްޓާ ވޭރިއަންޓަށް ބަދަލުތަކެއް އައިސް އުފެދުނު ވައިރަހެއް ކަމަށް ސައެންސްވެރިން ލަފާކުރެއެވެ. އިންޑިއާގައި ހަލުވި ކަމާއެކު ޑެލްޓާ ވޭރިއަންޓް ފެތުރެން ފެށީ އިންޑިއާގައި ކުރިޔަށް ދިޔަ ހިންދީ ދީނުގެ ފެސްޓިވަލަކަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ.

އިންޑިއާއިން އިތުރު ވޭރިއަންޓެއް ފެނިފައިވާއިރު، އެޤައުމުގައި ވެކްސިން ޖަހާ ފަރާތްތަކުގެ އަދަދު ބޮޑުތަނުން މަދެވެ. މިގޮތުން މިހާތަނަށް އިންޑިއާގައި ވެކްސިން ޖެހޭ އުމުރުގެ 950 މިލިޔަން މީހުން ތެރެއިން ވެކްސިން ދެވިފައި ވަނީ އެންމެ 5.5 އިންސައްތަ މީހުންނަށެވެ.

އިންޑިއާގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 42,640 މީހުންނެވެ. އިއްޔެއަކީ މާރިޗް މަހުން ފެށިގެން އެ ގައުމުގައި 24 ގަޑިއިރުން އެންމެ މަދު މީހުން ބައްޔަށް ފައްސިވި ދުވަސްކަން ފާހަގަ ކޮށްލެވެއެވެ. އެހެން ނަމަވެސް ޑެލްޓާ ޕްލަސް ވޭރިއަންޓާ އެކު މިއަދަދު އަނެއްކާވެސް ބޮޑުތަނުން އިތުރުވެގެން ހިނގައިދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

  1. މުހައްމަދު

    މޯދީ ބުނީ ޔޯގާ ބުއީމަ ރަނގަޅުވާނެޔޯ!