ކުޅިވަރު

ރޮނާލްޑޯ ޖެހި ދެ ގޯލާއެކު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެެރިޔާއާ އަރައި ހަމަކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޔޫރޯ2020ގައި ފްރާންސްއާ ދެކޮޅަށް ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ދެ ގޯލު ކާމިޔާބުކޮށް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަރައި ހަމަކޮށްފިއެވެ.

Ads by MWSC

މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނުއިރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ދެ ޓީމުން ވެސް ފަހި ކުރިއެވެ. މެޗުގައި ޕޯޗުގަލް އިން ޖެހި ދެ ގޯލަކީ ވެސް ޕެނަލްޓީން ކާމިޔާބު ކުރި ދެ ގޯލެވެ.

މި ދެގޯލާ އެކު ގައުމީ ޓީމަށް ރޮނާލްޑޯ ޖަހައިދިން ގޯލުގެ އަދަދު މިވަނީ 109އަށް އަރައިފައެވެ. މި އަދަދަކީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރިކޯޑު އޮންނަ އިރާނުގެ އަލީ ދާއީއާ ހަމަހަމަ އަދަދެކެވެ.

ޔޫރޯ މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފްވެރި މަގާމު ވެސް އޮތީ ރޮނާލްޑޯގެ އަތުގައެވެ. އުމުރުން 36 އަހަރުގެ ރޮނާލްޑޯ މި ޔޫރޯގައި ޖެހި ފަސް ލަނޑާއެކު މުޅި ޖުމުލަ 14 ލަނޑު އޭނާ ޔޫރޯގެ ތާރީހުގައި ކާމިޔާބު ކޮށްފައިވެއެވެ.

ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ އެ ގުރޫޕުގެ ތިންވަނަ ޓީމުގެ ގޮތުގައި ޕޯޗުގަލް ވަނީ ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ. އެއީ ތިންވަނަ ހޯދި ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!