ތިނަދޫގައި ފިޔަވަޅުތައް ހަރުކަށިކޮށްފި, ބޭރަށް ނިކުމެވޭނީ ހަފްތާއަކު އެއްފަހަރު އެއްގަޑިއިރަށް
ހަރުކަށި ފިޔަވަޅުތަކާ އެކު ވެސް ތިނަދޫގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ގިނަވަމުން ދިޔުމާ ގުޅިގެން އާއްމުންނަށް ގެއިން ނިކުމެވޭނީ ހާއްސަ ހުއްދައެއް ނަގައިގެން ވެސް ކޮންމެ ގެއަކުން އެކަކަށް ހަފްތާއަކު އެއްދުވަހު އެއްގަޑިއިރަށް ކަމަށް އެރަށު އީއޯސީއިން ނިންމައިފިއެވެ.
ތިނަދޫ ކައުންސިލުން މިރޭ ނެރުނު އިއުލާނެއްގައި ބުނީ ތިނަދޫގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރި ކޮމިޔުނިޓީ ސްޕްރެޑަކަށް ބަދަލުވެފައިވާތީ، ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަމަށް ޓަކައި މީގެ ކުރިން އަޅައިފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކާފިޢު ވަގުތުތަކުގައި ނޫން ވަގުތުތަކުގައި ވެސް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ޓަކައި ކޮންމެ ގެއަކަށް 2 ފާސް ދޫކުރެވިފައިވީ ނަމަވެސް، ބައްޔަށް ފައްސިވާ މީހުންގެ ޢަދަދު މަދުނުވެ ގިނަ ވަގުތުތަކުގައި ރަށުތެރޭގައި މީހުންގެ ޙަރަކާތްތައް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި 24 ޖޫން 2021 ގައި ބޭއްވުނު އީ އޯ ސީގެ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެ މަތިން މިހާރު އަޅައިފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމަށް ނިންމައިފައިވާ ކަމަށް ވެސް ތިނަދޫ ކައުންސިލްގެ އިޢުލާންގައި ވެއެވެ.
މިހާރު ގޭގެއަށް ދޫކޮށްފައިވާ ހައުސްހޯލްޑް ޕާރމިޓް ބޭނުންކޮށްގެން ބޭރަށް
ނުކުމެވޭނީ ތިނަދޫ ޕޮލިސް ސްޓޭޝަނުން ކަނޑައަޅުއްވާ ވަގުތުތަކަށް ކޮންމެ ގޭބިސީއަކުން އެކަކަށް، ހަފްތާއަކު 01 ދުވަހު 1 (އެކެއް) ގަޑިއިރަށް ކަމަށާއި އެނޫން ގަޑިތަކުގައި ޒަރޫރީ ކަންކަމުގައި ބޭރަށް ނުކުތުމަށް ބޭނުން ކުރެވޭނީ ހަމައެކަނި ޕޮލިސް ޓައިމް ބައުންޑް ޕާރމިޓްކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ތިނަދޫގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވުމާ ގުޅިގެން އެ ރަށުގައި ވެސް މި ވަގުތު ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި އެ ރަށުގެ ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ކޮންޓްރޯލް ކުރުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި އެރަށުގައި މިހާރު ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވިފައެވެ. އެގޮތުން ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުތުމަށް ފުލުހުން ކަނޑައަޅައި ގޮތެއްގެ މަތިން ކޮންމެ ގޭބީސީއަކަށް 2 ޕާމިޓު ދޫކުރަން ވަނީ ނިންމައިފައެވެ. އަދި ތިނަދޫގައި ސައި ހޮޓާ، ކެފޭ ރެސްޓޯރެންޓު ފަދަ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެން ޚިދުމަތްތައް ދިނުން ހުއްޓައިލުމަށް ވެސް ވަނީ ނިންމައިފައެވެ. އަދި ޑެލިވަރީގެ ޚިދުމަތް ދެވޭނީ ހެނދުނު 8އިން ރޭގަނޑު 10އަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން އެ އިއުލާނުގައި ބުނެފައި ވަނީ އެކަނި ހުރެ ކުރާ ކަސްރަތު ކުރުމަށް ފަތިހު 5:30އިން ހެނދުނު 7:00އަށް ފުރުސަތު ހުޅުވައިލުމަށް ނިންމައިފައިވާ ކަމަށެވެ.