ޚަބަރު

ނަދީމްގެ މަރާ ގުޅިގެން ހެކިބަސް ނަގައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރުގެ ޖުލައި މަހު މަރައިލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައާ ގުޅިގެން ހެކިބަސް ނަގައި ނިންމައިލައިފިއެވެ.

Ads by STELCO

މި މައްސަލައިގައި މަރުގެ ދައުވާ ހަތަރު ފަރާތަކަށް ވަނީ ދައުވާ އުފުލިފައެވެ. އެއީ ގއ. ގެމަނަފުށި ހަވާސް މުހައްމަދު ކަރަމް ސުހައިލާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނުގެ އިތުރުން ލ. ގަމު ވިދާތަރި އަލީ ނިފާޒް އަދި ގ. ޝާރާޒް މުހައްމަދު މަފާޒްގެ މައްޗަށެވެ.

މަފާޒްގެ މައްޗަށް ކޮށްފައި ވަނީ، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. އަދި އަނެއް ތިން މީހުންގެ މައްޗަށް ކޮށްފައި ވަނީ، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާއެވެ.

ނަދީމް މަރުގެ މައްސަލައިގައި ދައުވާ ލިބޭ ހަތަރު މީހުންގެ ތެރެއިން މިއަދު ހެކިބަސް ނަގައިފައި ވަނީ މަފާޒާއި ނިފާޒް އަދި ކަރަމްގެ ދިފާއީ ހެކިންގެ ހެކިބަހެވެ. ޝާމިންގެ ދިފާއީ ހެކިބަސް މީގެ ކުރިން ވަނީ ނަގައި ނިންމައިފައެވެ.

އެގޮތުން އަލީ ރަފާހް ރިޔާޒް ދިން ހެކި ބަހުގައި އޭނާ ބުނީ، މަފާޒަކީ އޭނާގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށާއި، ބޮލާ އެއްކޮށް މާސްކް އަޅައިގެން އަޔަސް އޭނާއަށް މަފާޒު ފާހަގަވާނެ ކަމަށާއި އެ ދުވަހު ނަދީމަށް ހަމަލާ ދޭން އައި ދެ މީހުންގެ ތެރޭގައި މަފާޒު ނެތް ކަމަށެވެ. އަދި މި މައްސަލައިގައި ދައުވާ އުފުލުނު ނިފާޒަކީ ވެސް ދަންނަ މީހެއް ނަމަވެސް ދައުވާ ލިބޭ އެއްވެސް މީހަކާ އެ ދުވަހު ދިމާ ނުވާ ކަމަށް އޭނާ ބުންޏެވެ.

ރަފާހް ހެކިބަސް ދިންއިރު، އޭނާ ބުނީ، އޭނާއަށް އެއްވެސް ވަނަމަކުން ނުގޮވާ ކަމަށާއި ބައެއް ފަހަރު “އަލީ” ގެ ނަމުން ރައްޓެހިން މުހާތަބު ކުރާ ކަމަށެވެ. އެހެން ނަމަވެސް ނިފާޒް ދިން ބަޔާނުގައި އޭނާ ބުނެފައި ވަނީ، އޭނާ އެދުވަހު އުޅުނީ “ރައްކޮ” ކިޔާ މީހަކާ އެކުގައި ކަމަށެވެ.

ހަމައެއާއެކު މުހައްމަދު ސައިފް ހެކި ބަސް ދޭން ފަށަމުން ހާދިސާ ހިނގި ވަގުތު އޭނާއާ އެކީ ދެން ތިބި އިތުރު ދެ މީހުންނާ ވަނަމުން މުހާތަބުކުރުމުން ދައުލަތުގެ ވަކީލާ މީޝާ ވަނީ އެކަން ޝަރީއަތުގައި ފާހަގަކޮށްފައެވެ.

ހެކިބަސް ދިން ދެމީހުން ކަމަށްވާ ރަފާހު އަދި ސައިފް ބުނި ގޮތުގައި، ހާދިސާ ހިނގީ ޓާމިނަލް ކެފޭގެ ތިރީގައި ކަމަށާއި، އެމީހުން ތިބީ އެތަނުގެ މަތީގައި ކަމުން ނަދީމް އިށީނދެގެން އިން މޭޒު ކައިރިން ޓާމިނަލް ކެފޭގެ މައްޗަށް އަރައިގެން އަންނަ މީހުން ފެންނާނެ ކަމަށެވެ.

މި މައްސަލައިގެ ދައުވާ އުފުލޭ ފަރާތެއް ކަމަށްވާ ކަރަމްގެ ދިފާއީ ހެކިބަސް ނެގުން ވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދެ ހެކިވެރިން ކަމަށްވާ އިބްރާހީމް ޝާފީއާއި އަބްދުﷲ ހައްމާދު ކިޔާ ދެ މީހުން ހެކިބަސް ދެމުން ބުނީ ނަދީމް މަރައިލި ދުވަހު ހަވީރު ހައްމާދަށް، ދައުވާ ލިބޭ ކަރަމްއާއި ޝާފީ ސައިކަލުގައި ދަނިކޮށް ރާނބާ ރެސްޓޯރެންޓް ކައިރިން ފެނުނު ކަމަށާއި، ނަދީމް މަރައިލި ދުވަހުގެ ހަވީރު 5:15 ހާއިރުން ފެށިގެން ގަޑިއަކަށް ވުރެ ގިނަ ވަގުތު ސައިކަލުގައި ދެ މީހުން ދުއްވުމަށް ފަހު 6:30 ހާއިރު ކަރަމް ދިރިއުޅޭ ގެ ކައިރިއަށް ލައިދިން ކަމަށެވެ.

މިއާ އެކު މި މައްސަލައާ ގުޅޭގޮތުން ހެކިބަސް ނެގުމުގެ މަރުހަލާ މިއަދު ވަނީ ނިންމައިލައިފައެވެ. އަދި ދެން ކުރިއަށް އޮންނާނީ ނެގުނު ހެކިބަސްތަކާ ގުޅޭ ގޮތުން ވާހަކަ ދެކެވި، މައްސަލައާ ބެހޭ ހުކުމް އިއްވުމުގެ މަރުހަލާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!