ދުނިޔެ

މަންމަ މަރުވީ ކޮވިޑް ޖެހިގެންކަން ދަރިންނަށް އަދިވެސް ނޭނގޭ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެކުގައި ލޯބިން ދިރިއުޅުން އާރާސްތު ކުރަމުން އައި ކުޑަކުޑަ އާއިލާއެކެވެ. ހަތަރު މީހުންގެ މި ކުޑަކުޑަ އާއިލާއަށް މަރުހަބާ ކިޔަން އުޅުނު އައު މޫނަށް އާއިލާ އެންމެން ވެސް ދިޔައީ ނުހަނު ތައްޔާރީތައް ވަމުންނެވެ. އެތައް ހުވަފެންތަކެއް ދެކެމުންނެވެ. އުފާވެރިކަމުގެ އެތައް ހުވަފެންތަކެއް ދެކެމުންނެވެ.

Ads by Sosun Fihaara

މިއީ އިންޑިއާގައި ދިރިއުޅޭ ކުޑަކުޑަ އާއިލާއަކުން ކުރަމުން އައި ފޮނި އުއްމީދާއި އުޅެމުން އައި އުފާވެރި ޙަޔާތަށް ބަނަ ވިލާގަނޑެއްގެ ކަޅު ތޫފާނެއް ވެރިވެ، ދިރިއުޅުން ބިމާ ހަމަކޮށްލި ގޮތުގެ ހިތްދަތި ވާހަކައެވެ.

ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން އޭނާ ކިޔައިދިން ގޮތުގައި އަންހެނުން އިނީ ބަނޑުބޮޑުވެ 38 ވަނަ ހަފްތާގައެވެ. އޭޕްރީލް މަހުގެ 22 ވަނަ ދުވަހު އަންހެނުންގެ ހާއްސަ ޑޮކްޓަރަށް ދެއްކުމަށް ބުނެފައި އޮތުމުގެ ސަބަބުން ތައްޔާރީތައް ވުމަށް ފަހު ހޮސްޕިޓަލަށް ދިޔައެވެ. އަންހެނުން ވިހާނެ ކަމަށް ލަފާކޮށް ޑޮކްޓަރު ދީފައިވާ ތާރީޚަކީ 23 އޭޕްރީލްއެވެ. ޖެހިގެން އޮތް ދުވަހެވެ.

ހޮސްޕިޓަލްގެ ގަވައިދުތަކާ މިންގަޑުތަކާ އެއް ގޮތަށް އެ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދާ ކޮންމެ މީހަކު ވެސް ކޮވިޑަށް ޓެސްޓު ކުރަން ޖެހެއެވެ. އެގޮތުގެ މަތިން އަންހެނުން ވެސް ކޮވިޑަށް ޓެސްޓު ކުރީއެވެ. އެހެން ނަމަވެސް ނަތީޖާ ކޮވިޑަށް ފައްސިވާނެ ކަމަށް ހީކޮށެއް ނޫނެވެ.

މާބަނޑު ހާލަތުގެ އިތުރުން ވިހާ ދުވަސް ގާތްވެފައި އޮތުމުގެ ސަބަބުން ޑޮކްޓަރު އެންގީ ވިހެއުން ލަސް ކޮށްލުމަށް ފަހު ކޮވިޑަށް ފަރުވާ ހޯދުމަށެވެ. އެހެންކަމުން ޑޮކްޓަރުގެ ލަފާގެ މަތިން އެގޮތުގައި ކުރިއަށް ދާން ނިންމީއެވެ. އެހެން ނަމަވެސް އަންހެނުން ދެއްކުމަށް ގެންދިޔަ ހޮސްޕިޓަލަކީ ކޮވިޑް ޖެހިފައިވާ މީހުން އެނދުމަތިކޮށް ފަރުވާ ދޭ ހޮސްޕިޓަލަކަށް ނުވުމުން ދެން ޑޮކްޓަރު އެންގީ ކޮވިޑަށް ޚާއްސަ ކުރެވިފައިވާ ހޮސްޕިޓަލަކަށް ދިއުމަށެވެ.

28 އޭޕްރީލްގައި އަންހެނުން ކޮވިޑަށް ޚާއްސަ ހޮސްޕިޓަލެއްގައި އެނދުމަތި ކުރެވުނެވެ. އަދި ކުރެވޭ ފަރުވާގެ ސަބަބުން އަންހެނުންގެ ބަނޑުގައިވާ ދަރިފުޅު އޮޮޕަރޭޝަންކޮށް ނެގުމަށް ޑޮކްޓަރުން އެންގިއެވެ. އެހިސާބުން އަންހެނުންގެ ހާލަތު ދަށްވަމުން ދާކަން ފިރިމީހާއަށް އެނގުނެވެ.

އޮޕަރޭޝަން ކުރުމުގެ ކުރިން ހޮސްޕިޓަލުން ލިޔުމެއްގައި ސޮއި ކުރަން ހަވާލު ކުރިއެވެ. އޭގައި ވަނީ، އޮޕަރޭޝަނުގެ ސަބަބުން އަންހެނުން ލޭ މަނާ ނުވެ ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި ދިމާވާ އެއްވެސް ކަމެއްގައި އެ ހޮސްޕިޓަލުން ޒިންމާ ނުވާނެ ކަމަށެވެ. ކޮންމެއަކަށް މާޔޫސް ވެފައިވާ ހިތަކާއެކު އޭނާ އެ ފޯމުގައި ސޮއި ކުރީ އިތުރު ގޮތެއް ނެތުމުންނެވެ. ލޯބިވާ އަނބިމީހާއާއި ދަރިފުޅު ސަލާމަތް ކުރުމަށް ޓަކައެވެ.

އޮޕަރޭޝަން ކުރެވި ދަރިފުޅު މައިމީހާގެ ބަނޑުން ނަގައިފިއެވެ. އަދި އިންޑިއާގައި ކޮވިޑް ޖެހި ހާލު ދެރަވާ މީހުންގެ އަދަދު އިތުރު ވުމާ ގުޅިގެން އަންހެނުންނަށް ފަރުވާ ދިނުމަށް އައިސީޔޫއިން ޖާގައެއް ހޯދުމަށް ޑޮކްޓަރު އެދުނެވެ. އަދި ކޮވިޑްގެ ސަބަބުން އަންހެނުންގެ ހާލަތު ދަށްވަމުން ދާތީ، އެކަމަށް އެންމެ އެކަށޭނެ ފަރުވާ ހޯދުމަށް ޑޮކްޓަރުންނާއި ނަރުހުން ފިރިމީހާ ގާތުގައި އެދުނެވެ.

ދެން ކުރިމަތިލާން ޖެހުނީ އަނެއްކާވެސް ހިތާމަވެރި ޚަބަރަކާއެވެ. ލޯބިވާ މަންމައާއި ބައްޕަވެސް ކޮވިޑަށް ފައްސިވީއެވެ. އަދި ބައްޕަގެ ހާލު ސީރިއަސްވެ ދިއްލީގެ އެހެން ހޮސްޕިޓަލެއްގައި އެނދުމަތި ކުރީއެވެ. މަންމަ ވެސް އޮކްސިޖަންގެ އެހީގައި އިނީ ގޭގައި ގިނިކަންޏާއެވެ.

މަންމައާއި ބައްޕައަށް އޭނަގެ އަނބިމީހާއާއި އާއިލާ ތަހައްމަލު ކުރަމުންދާ ދަނޑިވަޅުގެ އެއްވެސް ހިލަމެއް ވިޔަ ނުދެއެވެ. އޭނާ އެހުރިހާ ކަމަކާ ކުރިމަތިލީ ކެތްތެރި ކަމާއެކުގައެވެ.

އަނބިމީހާ އޮތް ހޮސްޕިޓަލުގައި އޮކްސިޖަން ސިލިންޑަރު ހުސްވުމާ ގާތަށް އައުމުގެ ސަބަބުން ޑޮކްޓަރުން އެންގީ އޮކްސިޖަން ސިލިންޑަރު ހޯދުމަށެވެ. އެގޮތުން އޭނާ ، އޭނާގެ ހުރިހާ ރައްޓެހިންނަށް އެ މެސެޖު ފޯރުކޮށް ސިލިންޑަރެއް ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައެވެ.

1 މެއިގައި ލިބުނު ކުއްލި ޚަބަރުން އޭނާގެ ބޯމައްޗަށް އުޑު ވެއްޓުނު ފަދައެވެ. ކޮވިޑާ ހަނގުރާމަ ކުރަމުން ދިޔަ ލޯބިވާ ބައްޕަ މަރުވީއެވެ. ކެތްތެރިކަމާ އެކު ބައްޕަގެ ޖަނާޒާ ކަންކަން ވެސް ހަމަޖެއްސީ ހަމަ އޭނާއެވެ. އަދި ޚުދު އޭނާ ވެސް ކޮވިޑަށް ފައްސިކަން އެނގުނީ އެދުވަހުއެވެ.

އޭގެ 13 ދުވަސް ފަހުން އަނބިމީހާ އޮތް ހޮސްޕިޓަލުން ލިބުނު ފޯނު ކޯލެކެވެ. އަންހެނުންގެ ކިޑްނީ ފެއިލް ވަމުން ދިއުމާ ގުޅިގެން ޑަޔަލިސިސް ހަދަން ޖެހޭ ކަމަށް ޑޮކްޓަރުން އެންގިއެވެ. މިގޮތަށް ހާލަތު ސީރިއަސްވެ އެންމެ ފަހުން ލޯބިވާ އަނބިމީހާ ވެސް ދުނިޔެއިން އަލްވަދާއު ކީއެވެ.

އިންސާނަކަށް ދުނިޔެމަތީގައި ކުރިމަތިވާނެ އެންމެ ބޮޑު އެއް އިމްތިހާނުކަން ގައިމެވެ. ލޯބިވާ ބައްޕައާއި އަނބިމީހާ ކޮވިޑް ޖެހި މަރުވީއެވެ. ހުވަފަތްވެފައިވާ މަންމަ އަދި ޔަތީމު ހާލުގައި ތިބި ތިން ދަރިންނާއި އޭނާ ވެސް ކޮވިޑަށް ފައްސިވީއެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުލަޖައްސަމުން އައި ހުވަފެންތަކަށް ހުއްޓުމެއް އައީއެވެ.

އެންމެ ފަހުން ، ލިބުނު އަންހެން ދަރި ބަލަނީ ފިރިމީހާގެ އަންހެން ކޮއްކޮއެވެ. އަދި މިއަދާ ހަމައަށް ވެސް އެ ކުދިންނަށް އެކުދިންގެ މަންމައަށް ވީ ކިހިނެއް ކަމެއް ނޭނގެއެވެ. މަންމަ ކޮބައިހޭ އެހުމުން މަންމަ އަދިވެސް ހޮސްޕިޓަލުގައި ކަމަށް ބުނެ ވާހަކަ ކުރު ކޮށްލަނީއެވެ. ހަގީގަތް ދަރިންނަށް އަންގައި ދިނުމުގެ ހިތްވަރު އެ ބައްޕަގެ ކިބައިގައި ނެތީއެވެ.

މިއީ އެންމެ މީހަކަށް ދިމާވި ކަމެއްގެ ވާހަކައެވެ. މިގޮތަށް ކޮވިޑްގައި ވޭން ތަހައްމަލު ކުރަމުންދާ ކިތަން އިންސާނުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އުޅޭނެ ހެއްޔެވެ؟ އެންމެން ވެސް ފަރުދީ ޒިންމާ އަދާކޮށް ވެކްސިން ފުރިހަމަ ކުރުމަށް މަސައްކަތް ކުރާށެވެ. އޭރުން އިސާހިތަކު މި ބަލިން މުޅި ދުނިޔެ ސަލާމަތް ވެދާނެކަން ޔަގީނެވެ. انشاءالله.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!