19 ދުވަސް ފަހުން ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުން ނަގައިފި
ކުޅުދުއްފުށީ ސިޓީ މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.
ކުޅުދުއްފުށީ ސިޓީގައި މޮނިޓަރިންގެ ހާލަތު އިޢުލާންކޮށްފައި ވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. މިރަށް މޮނިޓަރިންނަށް ލީ ޖޫން 9 ވަނަ ދުވަހު އެރަށުން މާލެ ދަތުރު ކުރާ ބޯޓެއްކަމުގައިވާ ސީކްއީން ފަޅުވެރިޔަކު ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެންނެވެ.
މި ވޭދަނައާ ގުޅިގެން އެރަށުން ނެގި ސާންޕަލްތަކުން ޖުމްލަ 28 ފަރާތެއް ވަނީ ބައްޔަށް ފައްސިވެފައެވެ. އެއީ ސީކުއީން ބޯޓުން ފައްސިވި ފަރާތާ ގުޅުން ހުރި 15 މީހުންނާއި މާލެ ދަތުރު ކުރާ ބަހާދަރު ބޯޓުން ފައްސިވި 4 މީހުންނާއި ކަރަންޓީނުން ވީއްލުމަށް ނެގި ސުންކުން ފައްސިވި 9 މީހުންނެވެ.
ކުޅުދުއްފުށީގައި މި ވަގުތު ބަލިޖެހިފައި ތިބީ 5 މީހެކެވެ. މޮނިޓަރިންގެ ހާލަތުން ރަށް ނެގި ކަމުގައިވިޔަސް ކޮވިޑް-19 އާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުން ނަގައިފައި ވަނީ ރަށު ތެރޭގައި ބަލި އޮތްތޯ ބެލުމަށް ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުން މީހަކު ބައްޔަށް ފައްސިވެފައި ނުވާތީ، ރަށުގައި ބަލި ނުފެތުރޭކަން ޔަގީންވުމުންނެވެ.