ފައިސާ މާރުކުރުމަށް ޑިޖިޓަލް ސިސްޓަމްއެއް ތައާރަފްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން ބޭރު ފައިސާ މާރުކުރާ ފަރާތްތަކަށް ހާއްސަކޮށް ޑިޖިޓަލް ސިސްޓަމްއެއް މިއަދު ތައާރަފްކޮށްފިއެވެ.
"މަނީ ޗޭންޖާ"ގެ ނަމުގައި ތަރައްގީކުރި އެ ސިސްޓަމް އިފްތިތާހުކޮށްދެއްވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަރު އަސްނާ ހަމްދީއެވެ.
އެމްއެމްއޭއިން ބުނީ އެ ސިސްޓަމްއާ އެކު ޓްރާންސެކްޝަންތައް ރެކޯޑްކޮށް އަދި ރިޕޯޓްކުރުމުގެ ކަންކަން ފަސޭހަވެ، ފައިނޭންޝިއަލް ދާއިރާގެ ނަޒާހަތްތެރިކަން ހިފަހައްޓަން ބާރުއެޅިގެންދާނެ ކަމަށެވެ.
އަދި އަންނަ މަހުގެ އެކަކުން ފެށިގެން ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކަކުން ވެސް އެ ޑިިޖިޓަލް ސިސްޓަމް ބޭނުންކުރަން ޖެހޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭގެ އުސޫލުތައް ބަޔާންކުރާ ގޮތުން، ބޭރު ފައިސާ ގަނެވިއްކޭނީ ހަމައެކަނި އެ އޮތޯރިޓީން ކަނޑައަޅާ ރޭޓުތަކުގައެވެ. އަދި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރެވޭނީ ހާއްސަ ލައިސަންސެއްގެ ދަށުންނެވެ. ރަސްމީ ރޭޓަށްވުރެ މަތީ އަގުތަކުގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އެކަމަށް އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާއިރު، މިފަދަ އަމަލުތައް ހިންގާ އަމިއްލަ ފަރުދުން 25,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ކުންފުނިތައް ފަދަ ޤާނޫނީ ޝަޚްޞުތައް 100,000 ރުފިޔާއާއި 5,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ޤާނޫނުގައިވެއެވެ. ބޭރު ފައިސާ މާރުކުރުމުގެ ޒިންމާ އަދާނުކުރާ ފަރާތްތަކުގެ މައުލޫމާތު މަރުކަޒީ ބޭންކުން މީގެ ކުރިން ވެސް ވަނީ އާންމުކޮށްފައެވެ.





ކޮމެންޓް